އދގެ އާންމު މަޖިލީހުގެ 79 ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އެ ސެޝަންގެ އިތުރުން، ސެކިއުރިޓީ ކައުންސިލްގެ އޯޕެން ޑިބޭޓެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިއު ޖާޒީގައި ހުންނަ އައިވީ ލީގުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައި ވެސް ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަެވސް އެމަނިކުފާނު އެމެރިކާއަށް ފުރާވަޑައިގަންނަވާ ވަކި ތާރީހެއް ވިދާޅުވެފައި ނުވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާއިރު މައިގަނޑު ބައިތައް އޮންނާނީ ސެޕްޓެމްބަރު 24, އިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. މި ދަތުރުފުޅާއި ގުޅޭ ކަންކަން ރައީސް އޮފީހުން ހިއްސާ ކުރަމުންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.