ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ އޮޓޮޕްސީ ނުހެދީ ތަހުލީލުތައް ކުރުމަށްފަހު، އޮޓޮޕްސީ ހަދަންޖެހޭ އިތުރު ސަބަބެއް އޮތް ކަމަށް ތަހުގީގުން ނުފެންނާތީ ކަމަށް ފުލުހުން ބުނެފިއެެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ތަހުލީލުތައް ކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އަނބުރާ ހޮޅުދޫއަށް ގެންގޮސް އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.
ޒަކިއްޔާގެ އޮޓޮޕްސީ ނުހެދި ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާކަން ފާހަގަ ކުރައްވާ ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފުލުހުންގެ ޓީމެއް މިހާރު ވެސް ހޮޅުދޫގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
ޝިފާއު ވިދާޅުވީ ރާއްޖެއިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީއަކަށް ނުދިއައީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތައް ނަގައި، ތަހުލީލުތައްކޮށް އެ ތަހުލީލުތަކުންނާއި އަދި ސްޕެޝިއަލިސްޓު ޑޮކްޓަރުންގެ ފަރާތުން ރައުޔުތައް ހޯދުމަށްފަހު، އިތުރަށް އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގުން ނުފެންނާތީ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގު ނިމުމުން އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެގެއަށް ކުނި ނަގަން ދިޔަ ބަޔަކަށް އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރެއިންނެވެ.