ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަސް، ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ކުލަ ގަދަކޮށް ރާއްޖޭގައި އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުރާލާ ގިނަ ތައްޔާރީތަކެއް އަބަދުވެސްވެއެވެ.

އަދި މިފަދަ ކަންކަން ރޭވުމާއި ހިންގުމަށް ބެލެނިވެރިންގެ އަތުން ވަކި އަދަދަކަށް ފައިސާ ނަގާ މައްސަލައަކީ މީގެ ކުރިން ވެސް އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައިވާ މައްސަލަތަކެވެ.

ބެލެނިވެރިންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން މި އަހަރު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އިރުޝާދުދީ ހާއްސަ ސާކިއުލާއެއް ނެރެފައެވެ. ސާކިއުލާގައި ބުނެފައި ވަނީ:

  • ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އަންނަ މަހުގެ 6 އިން 10 ވަނަ ދުވަހު ދުވަހެއް ކަނޑައެޅުން
  • ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގައި ބޭއްވުން
  • އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން
  • ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން
  • ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުން
  • ރަށުން ބޭރުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުން
  • ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން ހިމެނެއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަސް ވަނީ ހޮނިހިރު ދުވަހަކަށެވެ. ނަމަވެސް މި ދުވަސް ފާހަގަ ކުރުމަށް ސްކޫލްތަކުން އަންނަނީ ޖެހިގެން އަންނަ އާދިއްތަ ދުވަހަށް ކަންކަން ރާވަމުންނެވެ.