ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ބާއްވަން ފަށާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ކައުންސިލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ޓީޗަރުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު މާލެ ސަރަހައްދުގެ ގިނަ ސްކޫލްތަކެއްގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"ތައުލީމީ ދާއިރާގެ ބޭފުޅުންގެ ފަރާތުން އެންމެ ކަންބޮޑުވާކަމަކީ، ޕޭ ފްރޭމްވޯކަށް ބަދަލުވުމާއި ގުޅިގެން. އޭގައި ހުރި ބައެއް ދަތިތައް އެބޭފުޅުން ވަރަށް ފާހަގަކުރައްވާ. އެކަންކަމާއި ބެހޭގޮތުން އަޅުގަނޑުމެން މިހާރުދަނީ ޕޭ ކޮމިޝަނާއެކު މަޝްވަރާކުރަމުން." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މި ގޮތުން މި ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވުމާ ގުޅިގެން ރޭންކްތައް ކަނޑައެޅިފައިވާ ގޮތުންނާ، ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. ޓީޗަރުން ކުރާ ބުރަ މަސައްކަތާ އެކަށީގެންވާ ގޮތަށް އިތުރުގަޑީގެ އިނާޔަތްތައް ލިބުމާއި، ހަފުތާ ބަންދުގައި މަސައްކަތް ކުރަންޖެހޭ މައްސަލައިގައި ކަންބޮޑުވުންތައްވެސް ހުށަހަޅާފައިވެއެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސީއެސްސީން މިހާރު ޕޭ ކޮމިޝަނާ، ތައުލީމީ ވުޒާރާއާ އެކު ސިލްސިލާ މަޝްވަރާތައް ބާއްވަމުން އަންނަކަމަށެވެ. ސިވިލް ސާވިސްގެ އާބާދީގައި އެންމެ ގިނަ މުވައްޒަފުން ހިމެނެނީ ތައުލީމީ ދާއިރާގައެވެ.
