ތައުލީމީ ދާއިރާގައި ހިދުމަތް ކުރާ މީހުންގެ ތެރެއިން ގިނަ ދުވަހު މި ހިދުމަތުގައި ދެމިތިބޭ މީހުންނަކީ ފާހަގަކޮށްލަން ޖެހޭ ބައެކެވެ. އެތައް އަހަރުތަކެއްގެ ތަޖުރިބާއާ އެކު ތައުލީމް އުނގަންނައި ދިނުމުގައި ދަރިވަރުންނާ އެންމެ ގާތުން މަސައްކަތް ކުރާ މުދައްރިސުންނަކީ މުޖުތަމައުއަށް ބުރަ މަސައްކަތްތަކެއް ކޮށްދޭ ބައެކެވެ. ދަރިވަރުންނަށް އުނގަންނައި ދިނުމުގެ އިތުރުން ކުދިންގެ ހަށިގަނޑުގައި ރަނގަޅު އަހްލާގެއް ބިނާ ކުރުމަށް މުދައްރިއްސުން ކުރާ މަސައްކަތައް ޝުކުރު ހައްގެވެ.

ރޯދަ މަހަށް ހާއްސަކޮށް 'ދަ ޕްރެސް' އިން ގެނެސްދޭ މީހުން ސެގްމަންޓްގައި މިއަދު މި ހާއްސަކޮށްލަނީ ތައުލީމީ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ޓީޗަރެއް ކަމަށްވާ ޝާދިޔާ ހަސަންގެ ވާހަކައެވެ. އއ. އުކުޅަހު ސްކޫލްގައި ސީނިއާ އިސްލާމް މުދައްރިސެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ޝާދިޔާ މި ދާއިރާއަށް ހިތް ޖެހުނު ގޮތް ހިއްސާ ކުރަމުން ބުނީ، މާލޭގައި ކިޔަވަން އުޅެފައި ރަށަށް، ބަދަލުވި އިރު އޭރު ރަށުގައި ކިޔަވައިދޭ ޓީޗަރުން މަދުކަމުން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދި އެންމެ ފުރަތަމަ ސްކޫލް ކުދިންނަށް ޓިއުޝަން ނަގައި ދޭން ފެށީ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް ޓިއުޝަން ނަގައިދެމުން ދާތާ އަހަރެއްހާ ދުވަސްވީ ފަހުން އުކުޅަހު ސްކޫލުން ވަގުތީ ޓީޗަރަކަށް އިއުލާން ކުރުމުން އެ މަގާމަށް އެނާ ކުރިމަތި ލިއެވެ. އެ މަގާމަށް ކުރިމަތިލާން ވެސް އޭރު އޭނާ ފަސް ޖެހުނު ނަމަވެސް އޭނާއަށް އެ ދުވަހު އެންމެ ބޮޑު ހިތްވަރެއް ދިނީ އޭނާގެ މާމަ ކަމަށް ޝާދިޔާ ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަށް ނިކުތް އިރު ޝާދިޔާގެ އުމުރަކީ 20 އަހަރެވެ.

އޭރު ރަށުގައި ކިޔަވައިދޭ ޓީޗަރުން މަދުކަމުން ހުރިހާ މާއްދާއެއް ވެސް ކިޔަވައި ދޭން ޖެހުނު ކަމަށް އޭނާ ބުނެއެވެ. އޭރު ވަކި މާއްދާއެއް ކިޔަވައި ދިނުމަށް ހާއްސަކޮށް ޓީޗަރުން ނުތިބޭ އިރު ސްކޫލްގައި ތިބެނީ ވެސް ޖުމްލަ ހަތަރު ޓީޗަރުންނެވެ. ސެޝަން ފެށިގެން ނިމެންދެން އެ ކްލާހެއްގައި ކިޔަވައިދޭން ޖެހޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ އިރު އިނގިރޭސި ފިޔަވާ ހުރިހާ މާއްދާއެއް ކިޔަވައިދެމުން ދިޔައީ ދިވެހި ބަހުން ކަމަށް ޝާދިޔާ ބުނެއެވެ. އިނގިރޭސި މާއްދާ ވެސް އޭރު ކިޔަވައިދެވެން އޮތް ގޮތަށް ކިޔަވައިދީ ކުދިންނަށް އުނގަންނައި ދިނުމުގައި އޭނާ މަސައްކަތް ކުރިއެވެ.

ޝާދިޔާ ހަސަން / ފޮޓޯ: ދަ ޕްރެސް

މިއަދު ހުރި ހިސާބަށް އާދެވުނީ 2006 ގައި ދިމާވި ފުރައްސާރައިގެ ސަބަބުން

ޓީޗިން ހަޔާތުގައި ޝާދިޔާއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮން ޖެހުމަކީ 2006 ވަނަ އަހަރުގެ ތެރޭގައި އެ ރަށުގައި ބައެއްގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ސަބަބުން ޒާތީގޮތުން ބަޔަކު އޭނަ އާއި އޭނާގެ އާއިލާއާ ފުރައްސާރަކުރި ދުވަސްތައް ކަމަށް ޝާދިޔާ ބުނެއެވެ. އޭރު ސްކޫލަށް ކުދިން ނުފޮނުވުމަށް ގޮވާލައި ގިނަ ދަރިވަރުން ސްކޫލަށް ވެސް ހާޒިރު ނުވާ ކަމަށް އޭނާ ބުނެއެވެ. އޭރު ގަވާއިދުން ސްކޫލަށް ދާނީ 19 ވަރަކަށް ދަރިވަރުން ކަމަށާއި އެމީހުން ބޭނުންވީ އޭނާ ސްކޫލުން ވަކިކުރަން ކަމަށް ވެސް ބުނެއެވެ.

ރަށުތެރެއިން ވެސް އެ މީހުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށާއި ފިލާ ޖަހާ ސްކޫލް ގޭޓް ނުހުޅުވޭ ގޮތަށް ބަންދުކޮށް ކިޔަވައި ނުދެވި ދުވަސްތަކެއް ވެސް ހޭދަވެގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. ޝާދިޔާގެ ފިރިމީހާ މަހަށް ދާ ދޯނިން ވެސް ބާލައި އަދި މާލެއަށް ދާން ވެސް ރަށުން ދޯންޏަކަށް ނޭރުވި ކަމަށް އޭނާ ބުނެއެވެ. ރަށުގެ ސްކޫލްގެ ކިޔެވުން ބަންދުކޮށް ހިންގަމުން ދިޔަ ހަމަނުޖެހުމުގެ ވާހަކަތަކުގެ ތަފްސީލް އެޑިއުކޭޝަން މިނިސްޓްރީއަށް ފޯރުކޮށް ދިނުމަށް ފިރިމީހާ މާލެއަށް ވެސް ދިޔައީ ކައިރީ ރަށަކުން ދޯންޏެއް ގެނެސްގެން ކަމަށް ޝާދިޔާ ބުނެއެވެ.

އެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ޝާދިޔާ ފާހަގަކުރިއެވެ. ވަގުތީ ޓީޗަރެއްގެ ގޮތުގައި ހުރެފައި ޕްރައިމަރީ ޓީޗިންގެ ޑިޕްލޮމާ ހަދާފައި އެއަށްފަހު ޑިގްރީ ހާސިލްކޮށް، ޝަރިއާ އިންމާސްޓާސް ހަދާފައި ދެން އިސްލާމް ޓީޗިން އޭނާ ހެދިއެވެ. އެ ގޮންޖެހުނަތަކަށް ފަހު އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ފިރިމީހާ ކަން ޝާދިޔާ ފާހަގަކުރިއެވެ. އޭރު ބޭނުންވީ މުޖުތަމައު އިން ދެކެމުން ދިޔަ ގޮތް ބަދަލު ކުރަން ކަމަށް ވެސް އޭނާ ބުނެއެވެ.

ކުރީގައި ވަސީލަތްތައް މަދުވިޔަސް ދަރިވަރުންގެ ދައުރު ބޮޑު

ތައުލީމީ ދާއިރާގައި މަސައްކަތް ކުރި އިރު ކުރީގައި ބޭނުންވާ ވަސީލަތްތައް ރަށްރަށުގައި ލިބެން ނެތުމަކީ ކުދިންނަށް ކިޔަވައި ދިނުމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި ޝާދިޔާ ސިފަކުރެއެވެ. އޭރު ކިޔަވައި ދިނުމަށް ބޭނުންވާ މެޓީރިއަލްސް ހެދުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން ފާހަގަކުރަމުން ޝާދިޔާ ބުނީ، ޓެސްޓު ޕޭޕަރު ހެދުމުގައި އެންމެ ފުރަތަމަ އުޅުނީ އެކްޒެމިނޭޝަން ޕެޑްގެ ގަނޑުތަކުގެ ދެމެދަށް ކޮޕީ ގަނޑު ލައްވައިގެން އަތުން ލިޔެގެން ކަމަށެވެ.

އެއަށްފަހު ސްޓެންސިލް ގަނެގެން ސްޕޮންޖްގައި ދެލި ލައިގައި އަމިއްލަ އަތުން ޕޭޕަރު ޗާޕްކޮށް ކުދިންނަށް ޓެސްޓު ޕޭޕަރު ހެދި ކަމަށް އޭނާ ބުނެއެވެ. އޭގެ ފަހުން ޗާޕްކުރާ މެޝިންތަކާއި ކޮމްޕިއުޓަރު ލިބި ޓެސްޓް ޕޭޕަރު ތައްޔާރު ކުރުން ފަސޭހަވެގެން ދިޔަ ކަމަށް ޝާދިޔާ ބުނެއެވެ.

އޭރާއި މިހާރުގެ ތަފާތުތަކަށް ބަލާއިރު އެންމެ ކުރީގައި ސްކޫލުގައި ކުދިން މަދު ނަމަވެސް ސްކޫލްގައި ކިޔަވާ ކުދިންގެ ދައުރު ވަރަށް ބޮޑުކޮށް އޮންނަ ކަމަށް ޝާދިޔާ ބުނެއެވެ. އެގޮތުން އޭރު ހައުސްތަކުގެ މުބާރާތަކާއި ބައްދަލުވުންތައް ބޭއްވިޔަސް އެ ކަންކަން ލީޑް ކުރަން ތިބެނީ ދަރިވަރުން ކަމަށް ޝާދިޔާ ބުނެއެވެ.

އއ. އުކުޅަހު ސްކޫލަށް ދަރިވަރުންތަކެއް ވަންނަނީ / ފޮޓޯ: ދަ ޕްރެސް

ހައުސްތަކާ ހަވާލުވެގެން ޓީޗަރުން ތިބި ކަމުގައި ވީ ނަމަވެސް ކުދިންގެ ދައުރު ބޮޑުވެފައި އޮތުމުން ޓީޗަރުންނަށް އެހާ ބުރަ ނުވާ ކަމަށް ޝާދިޔާ ބުނެއެވެ. ނަމަވެސް މިހާރު ހައުސްތަކުގެ ބައްދަލުވުންތަކާ ހަރަކާތްތައް ހިންގުމާއި ކަންކަން ލީޑްކޮށް އުޅޭނީ ޓީޗަރުން ކަމަށާއި ކުދިންގެ ދައުރު އޮތީ ވަރަށް ހަނިވެފައި ކަމަށް އޭނާ ބުނެއެވެ.

މީގެ އެތައް އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު އެ ރަށު ސްކޫލުގައި މަސައްކަތު މީހެއް އަދި އިދާރީ މާގިނަ މުވައްޒަފުންނެއް ވެސް ނުހުރެއެވެ. އެގޮތުން އޭރު ސްކޫލްގެ ކްލާސްރޫމްތަކާއި ގޯތި ތެރެއާއި ފާހާނާ ސާފުކޮށް ބަލަހައްޓާނީ ކުދިން ކަމަށާއި ސްޓާފް ރޫމާއި ސްޓާފުންގެ ފާހަނާ ސާފުކޮށް ބަލަހައްޓާނީ ޓީޗަރުން ކަމަށް އޭނާ ބުނެއެވެ. އޭރު ސްކޫލުން ކިޔަވައިގެން ނިކުތް ކުދިންނަކީ ހޭލުންތެރި މަސައްކަތްތެރި ކުދިން ގޮތުގައި ފާހަގަވާ ކަމަށް ޝާދިޔާ ބުނެއެވެ. ނަމަވެސް މިހާރު ކިޔަވައި ނިންމާ ކުދިންގެ ފަރާތުން މަސައްކަތުގެ އަހްލާގީ ފެންވަރު ނުފެންނަ ކަމަށާއި އެކަން އަލަށް ވަޒީފާއަށް ވަންނަ ޒުވާނުންގެ ފަރާތުން ފެންނަމުން އަންނަ ކަމަށް ޝާދިޔާ ބުނެއެވެ.

ޓީޗިން ދާއިރާ ދޫކޮށްލާ ޒުވާނުން ގިނަ ވަނީ ސޭފްޓީ ނޯންނާތީ

ޓީޗިން ދާއިރާ އަކީ ވަރަށް ބުރަ، ޒިންމާ ބޮޑު މަސައްކަތެއް ކަން ފާހަގަކުރަމުން ޝާދިޔާ ބުނީ، މިއީ 24 ގަޑިއިރުގެ ވަޒީފާއެކޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ. ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ނިމުމުން ވެސް ޓީޗަރަކު ގެއަށް ދާނީ މާކް ކުރަން ޖެހޭ ޕޭޕަރުތަކާއި ފޮތް ބޮޑުތައް ވެސް ހިފައިގެންނެވެ. ދިރިއުޅުމުގެ ކަންކަމުގައި އުޅެމުން ވެސް ވަޒީފާގެ ކަންކަން ނިންމަން ގޭގައި ވެސް އެތައް ވަގުތެއް ޓީޗަރުން ހޭދަކުރަން ޖެހޭ ކަމަށް ޝާދިޔާ ބުނެއެވެ.

މިހާ ބުރަކޮށް ޓީޗަރުން މަސައްކަތް ކުރާ އިރު މަސައްކަތުގެ މާހައުލުގައި ވެސް ކުރިމަތިލާން ޖެހޭ އެތައް ހުރަސްތަކެއް އެބަހުރި ކަމަށް ޝާދިޔާ ބުނެއެވެ. އެގޮތުން ޓީޗަރުންނަކީ އެއްވެސް ސޭފްޓީއެއް ވެސް އޮތް ބައެއް ނޫން ކަމަށް އޭނާ ބުނެއެވެ.

"އަޅުގަނޑުމެން ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ވެސް ސްކޫލަށް ދާއިރު މި ތިބެނީ ވަރަށް ބޮޑަށް ބަލިކަށި ވެފަ. އަލުގަނޑުމެންގެ ތެރޭގައި ވެސް އެބަ ތިބި ޓީޗިންގަ އުލޭތީވެ ޕޭރަންޓުން ބައެއް ފަހަރު މެނޭޖްމަންޓުގެ ފަރާތުން ކަންކަމާ ކުރިމަތި ލާލާ ގޮސް ނުހިފޭއްޓިގެން ޑިޕްރެޝަނަށް ގޮސްފަ ތިބި ޓީޗަރުން އެބަ ތިބި. ނަފްސާނީ ދުޅަހެޔޮކަމެއް ވެސް ނެތީ ހަމަ"
ޝާދިޔާ ހަސަން

ކަންކަމާ ހިތްހަމަނުޖެހުމުން ބައެއް ބެލެނިވެރިން އައިސް ހިތު ހުރި އެއްޗެއް ޓީޗަރުންނާ ދިމާއަށް ބުނެފައި ދާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނެ ފަރާތެއް ނެތް ކަމަކީ މި ދާއިރާއަށް ވަންނަ ޒުވާނުންނަށް މަސައްކަތުގައި ހަރުލައި ހުރުމަށް ދަތިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް އޭނާ ބުނެއެވެ. ބޮޑެތި ގްރޭޑްތަކަށް ދަރިވަރުންދާ އިރު، އަހްލާގީ ފެންވަރު ދަށް އެތައް ކުދިންތަކެއް ތިބޭ އިރު ކުދިން ޓީޗަރުންނަށް ބުލީ ކުރާ އެތައް ހާދިސާއެއް އެބަ ހިނގާ ކަމަށް ވެސް އޭނާ ބުނެއެވެ.

މިފަދަ މައްސަލަތަކަށް ބަލާއިރު ކުއްޖަކަށް ފުރައްސާރައެއް ކޮށްފި ނަމަ އެ މައްސަލަ ބަލާނެ އިދާރާތައް އެބަހުރި ކަމަށާއި ބެލެނިވެރިންގެ ޝަކުވާ އައިސްފިއްޔާ މިފަދަ ކަންކަން ވެސް މިނިސްޓްރީން ބަލައި ފިޔަވަޅު އަޅައެވެ. ނަމަވެސް ޓީޗަރަކަށް ބެލެނިވެރިން ބިރުދައްކައި ނުވަތަ ޓީޗަރަކަށް ބުލީކުރާ ދަރިވަރުންގެ މައްސަލަ ހިފައިގެން ޝަކުވާ ހުށަަހަޅައިގެން ވާ ފައިދާއެއް ނޯންނަ ކަމަށް އޭނާ ބުނެއެވެ.

މިފަދަ މައްސަލަތަކުގައި ޓީޗަރުންނަށް ހިމާޔަތް ނުލިބުމަކީ އުފެދެމުން އަންނަ ރަނގަޅު ޓީޗަރުން ވެސް މި ދާއިރާ ދޫކޮށް ދާނެ ކަމެއް ކަމަށާއި އަދި ޓީޗަރުންނަށް ފުރައްސާރަ ކުރުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކި ކަންތައްތައް އަތުން ދޫވެގެން ދާނެ ކަމެއްކަމަށް އޭނާ ބުނެއެވެ.

ޝާދިޔާ ހަސަން / ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން ވެސް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި މަސައްކަތް ކުރުމުން ވެސް އެދެވޭ މިންވަރެއްގެ އިތުރު ގަޑީގެ ފައިސާ ނުލިބުމަކީ ވެސް ދިމާވާ މައްސަލައެއް ކަމަށް ޝާދިޔާ ފާހަގަކުރެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ޓީޗަރުންގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތްތަކާއި ބޭއަދަބީ ބަސް ބޭނުންކޮށް މިހާރު ދަރިވަރުވަމުން އަންނަ ކުދިންވެސް ޓީޗަރުންނަށް އިހްތިރާމް ނުކުރުމަކީ އަލަށް މަސައްކަތަށް ވަންނަ ޓީޗަރުން މި ދާއިރާގައި ހަރުނުލާ ސަބަބެއް ގޮތުގައި އޭނާ ފާހަގަކުރެއެވެ.

ދަރިވަރުންގެ އަހްލާގާއި ކިޔެވުން ރަނގަޅު ކުރުމަށް ބެލެނިވެރިންގެ ދައުރު ވަރަށް މުހިއްމު ކަމަށް ޝާދިޔާ ފާހަގަކުރިއެވެ. އެ ގޮތުން ދަރިވަރުން ސްކޫލަށް ދާ އިރު ސްކޫލަށް ގެންދަން ބޭނުންވާ ތަކެތި ހަމައަށް ގެންދޭ ތޯ ބަލައި އެ ކުދިން ކިޔެވުމަށް ސަމާލުކަން ދޭތީ ބެލެނިވެރިނަނަށް ބެލޭނެ ކަމަށް ޝާދިޔާ ބުނެއެވެ. ގިނަ ފަހަރު ދަރިވަރުންނާ އެކު ބެލެނިވެރިން ވަގުތު ހޭދަ ކުރާ މިންވަރު މަދުވެގެން ދިއުމަކީ ވެސް ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން ދަރިވަރުން ސްކޫލުން ގެއަށް އައުމުން ކުދިން ސްކޫލުގައި ކުރި ކަންކަން އޮޅުން ފިލުވާ ކުދިންނާ ގާތް ގުޅުމެއް ބާއްވުމަށް ޝަދިޔާ ނަސޭހަތްތެރިވިއެވެ.