ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނާނެފަދަ ފޮޓޯއާއި ވީޑިއޯގެ އިތުރުން އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން އިލްތިމާސްކޮށްފިއެވެ.

އެ މިިނިސްޓްރީން ބުނީ މާލެގައި ބައްޕައަކު އޭނާގެ 2 އަންހެން ދަރިން އަދި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ބައެއް ފަރާތްތަކުން އެ ކުދިންގެ ބައްޕަގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ނުސީދާގޮތުން ނަމަވެސް އެ ކުދިންނަކީ ކޮންބައެއްކަން ހާމަވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތައް ލިބި މި ކުދިންގެ ކަރާމަތަށް އުނިކަން ލިބޭނެތީ މިފަދަ ފޮޓޯ ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ބައްޕައަކު އޭނާގެ 2 އަންހެން ދަރިން އަދި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލައިގެ އިތުރުން މެދު ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.