ހުސްވެފައިވާ ހއ. މާރަންދޫގެ ކައުންސިލްގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީން ވާދަކުރެއްވި އަބްދުލްހަމީދު އަބްދުއްސައްތާރަށް 285 ވޯޓު ލިބުނުއިރު، އިިދިކޮޅު އެމްޑީޕީން ވާދަކުރެއްވި ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.

އެހެންކަމުން އަބްދުލްހަމީދު މި އިންތިހާބު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުންނެވެ. އޭނާގެ ކާމިޔާބީ ފާހަގަކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަބްދުލްހަމީދަށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތްކުރި ފަރާތްތަކަށާއި ވޯޓުލީ އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ.

މާރަންދު އަށް އާ ކައުންސިލަރަކު އިންތިހާބުކުރަން ޖެހުނީ އެ ރަށު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހްމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ކުއްލިގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 736 މީހުންގެ ތެރެއިން 560 މީހުން ވޯޓު ލާފައިވެއެވެ. އެހެންކަމުން ވޯޓުލެވޭ އާބާދީގެ 76.09 ޕަސެންޓު މީހުން މި އިންތިހާބުގައި ވޯޓުލާފައިވެއެވެ. ވުމާއެކު މިއީ ކައުންސިލްތަކުގެ އިންތިހާބާއި މިހާތަނަށް ބޭއްވުނު ބައި-އިލެކްޝަންތަކަށް ފަހު ވޯޓުލެވޭ އާބާދީގެ ގިނަ ބަޔަކު ބައިވެރިވި ކައުންސިލްގެ ބައި-އިލެކްޝަނެވެ.