ވެރިކަން ބަދަލުކުރުމުގެ އިތުރުން ވެރިކަމުގައި ތިބެން ވެސް ދަސްކުރަން ވާނެ ކަމަށާއި، ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނީ އޭރުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހެނދުނު މާރަންދޫ އަށް ވަޑައިގެން ރައީސް މިހެން ވިދާޅުވީ އަލަށް އުފެއްދި "ދަ ޑިމޮކްރެޓްސް"ގެ މެންބަރުންނަށް ކަމަށް ބެލެވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމްޑީޕީ އަށް ތާއީދު އިތުރުވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީ އަށް އެ ރަށުން 17 ވޯޓު ލިބުނު އިރު މިދިޔަ އިންތިހާބުގައި 58 ޕަސެންޓު ވޯޓު ލިބުނު ކަމަށާއި، މި އަހަރު އެތައް ގުނަ ވޯޓެއް އެ ރަށުން ލިބިގެން ދާނެ ކަން ޔަގީންކުރައްވާ ކަމަށެވެ. މާރަންދޫ ރައްޔިތުންގެ ވިސްނުން ބަދަލުވީ ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވައުދު ފުއްދާނެ ޔަގީންކަން އޮތުމުންނެވެ.

ކުރީގެ ސަރުކާރުތަކުން ރަށްރަށާ މެދު އިހުމާލު ވެފައިވާ ކަމަށާއި، އިންތިހާބު ކައިރިވިމުން ރޭވުންތެރިކަމެއް ނެތި ކަންތައްތައް ކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް މިސާލު ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީންގެ ސަރުކާރުން ސިއްހީ މަރުކަޒުތަކުގެ ނަންބޯޑުތައް އިއުލާނު ކުރުމެއް ނެތި ބަދަލުކުރުމާއި، އެ ތަންތަނުގެ ހިދުމަތް އަށް ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރީ މުވައްޒަފުން ހޯދުމެއް ނެތި، އެއްވެސް ރޭވުންތެރިކަމެއް ނެތިއެވެ.

ނަމަވެސް މި ސަރުކާރުން ވައުދުވެ، ވައުދު ފުއްދަމުން ދަނީ ރޭވުންތެރިކަމާ އެކީގައި ކަމަށް ވިދާޅުވިއެވެ.

މީގެ ކުރީ ހާލަތާ އަޅާ ބަލާއިރު ރައީސް ވިދާޅުވީ، މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށެވެ. ކުރިން އެމްޑީޕީން ނުކުންނަނީ ވެރިކަން ބަދަލުކުރުމަށް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން މިފަހަރު ނުކުތީ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އެކަމަކު އަދިވެސް އެމްޑީޕީގެ އެތެރޭގައި ސަރުކާރު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން ތިއްބަވާ ކަމަށް ވިދާޅުވެ، ވެރިކަމަށް އައުމަށް ފަހު ދެން ކުރަން ޖެހޭ ކަމަކީ ވެރިކަމުގައި ތިބުން ކަމަށް ވިދާޅުވިއެވެ. އެއީ ވައުދުތައް ފުއްދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން އެއީ ވެރިކަން ބަދަލުކުރުމަކީ އެއް، ވެރިކަމުގަ ތިބެން ވެސް ދަސްކުރަން ޖެހޭނެ، ރައްޔިތުންނަށް ހިދުމަތްކުރެވޭނީ އެކަން ކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެހެންކަމުން މިފަހަރު އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ނުކުންނަނީ ވެރިކަން ދެމެހެއްޓުމުގެ އަމާޒުގައި ކަމަށެވެ.

މިހާރު މި އޮތް ކޯލިޝަން ވެރިކަން ނިމެންދެން ދަމަހައްޓާނެ ކަމަށާއި، ޖުމްހޫރީ ޕާޓީން ކޯލިޝަނާ ވަކިން އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރަން ނިންމުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ވެސް ރައީސް ވަނީ، އެމްޑީޕީ ކޯލިޝަނަކީ އެންމެ ބޮޑު ކޯލިޝަން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އަދި އެކަން ކުރިއަށް އޮތް އިންތިހާބުގައި ރަނގަޅު ނަތީޖާ އަކުން ދައްކަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.