ޏ. ފުވައްމުލަކުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުނު ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:32 ހާއިރު ހިނގި މި ހާދިސާގައި އަނިޔަވެފައި ވަނީ 2 ބިދޭސީންނާއި 2 ދިވެހިންނަށް ކަމަށެވެ. އަދި އެ ހަތަރު މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެކެއްގެ ފައި ބިއްލޫރި ގަނޑު ދަށުގައިވާ މަންޒަރު ފެނެއެވެ. އަދި މި މައްސަލަ އިތުރުަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިންވެސް މިފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން 2022 ވަނަ އަހަރު ނ. މާކުރެންދޫއަށް ސަޕްލައި ދޯންޏެއްގައި ގެންދިޔަ ކޮންޓެއިނަރަކުން މުދާ ހުސްކުރުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއް ދަށުވެ ބިދޭސީއަކު ވަނީ މަރު ވެފައެވެ.

އަދި ހަމަ އެއަހަރު ހުޅުމާލޭ ފޭސް-2 ގެ ޑިންގީ ޖެޓީ ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން މާބުލް ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި އެ ޝީޓްތަކުގެ ތެރޭ ތާށިވި ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ.