އއ. ރަސްދޫގައި ފުލުހުން ހިންގި ހާއްސަ އޮަރޭޝަނެއްގައި، ހަށިގަނޑު ތެރޭގައި 70 ގްރާމްގެ މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރަސްދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ، އުމުރުން 35 އަހަރުގެ، އއ. ރަސްދޫ، ފެހިވިނަ، އަހްމަދު އިކުލީލް ކަމަށެވެ.

އިއްޔެ ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ނެގުމަށް ވަނީ ޑޮކްޓަރަށް ދައްކައި އެތަކެތި ނަގާފައި ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 70 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.