ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހްލީލު ކުރުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފިއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނުއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ ރަށަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. ތަހްލީލުކުރުމަށްޓަކައި ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައީ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެގެއަށް ކުނި ނަގަން ދިޔަ ބަޔަކަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ލިބުމުން، ފުލުހުން ވަނީ އެ ގެއަށް ގޮސް އޭނާގެ ހަށިގަނޑު އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ޒަކިއްޔާ މަރުވެފައިވާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ ހޮޅުދޫ އަށް ވެސް ގޮސްފައެވެ.