ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ސިއްހީ ހިދުމަތް ދޭތަންތަން ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.
ނަމަވެސް ހެލްތް މިނިސްޓްރީ އިން ބުނީ މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ގާނޫނާއި ހިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާގެ ހިދުމަތް ބައެއް ފަރާތްތަކުން ދެމުން ދާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ދިވެހި ބޭހުގެ ހިދުމަތާއި ހިޖާމާގެ ހިދުމަތް ދެމުން ދާކަން ފާހަގަވެފައިވާކަން ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ފަރާތްތަކާމެދު ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.