ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން ކަމަށާއި، ކުށެއް ކޮށްފިނަމަ އެ ކަމަކަށް ހައްގު އަދަބު ކޮންމެ މީހަކަށްވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ "މަތީ މަޖިލިސް" ކޮންގްރެސް ނިންމާލުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކުރާ ކޮންމެ މީހަކަށް ވެސް ގާނޫނު ތަންފީޒުވާން ޖެހޭނެ ކަމަށެވެ. އަދި ކުށްކުރާ މީހަކަށް އަދަބު ދިނުމުގައި އެއީ ކާކުތޯ، އަދި ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމަކީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާ ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ޒިންމާ އަދާ ކުރައްވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަރަށް ތެދުވެރިކަމާ އެކު ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް ރައްޔިތުންގެ ހައްގުތަކަށާއި މުދަލަށް އަރައިގަނެފައި ތިބޭ މީހުންނަށް އޮންނަ އުސޫލުގެ ތެރެއިން މައްސަލަ ބެލެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ސަރުކާރުގެ ކޮންމެ ނިންމުމެއްގައި އަދުލުވެރިކަމާއި އިހުލާސްތެރިކަން އިސްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ތަފާތު ފިކުރުތަކެއް އޮތް ނަމަވެސް، މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. އަދި ސިޔާސީ ވަކި ފިކުރެއްގައި، ނުވަތަ ޕާޓީއެއްގައި ހުރުމަކީ އެއްވެސް މީހަކަށް އަދަބު ދޭންޖެހޭ އަދި ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޫންކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނާ، ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީ އަދި ހުރިހާ ސިޔާސަތެއްގެ އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ބޭއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުތައް ބިނާވެފައިވާ އަސާސްކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާސީ އެކި ފިކުރުތަކުގެ ތެރެއިން ކަންކަން ނިންމާއިރުވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ އިސްލާމީ އުސޫލުތަކަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީނާ އިދިކޮޅު ފަނާކުރަނިވި ފިކުރުތައް ފެތުރެން ފެށުމުން، ދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން އެއްވި އެއްވުމުގެ މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށެވެ.