ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި ސީރީޒް "ޕްރިޒަން ބްރޭކް" ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފިއެވެ.

ސީރީސްގެ ލީޑުން ރޯލުން ފެނިގެންދާނީ ވެންޓްވޯތް މިލާ (މައިކަލް ސްކޯފީލްޑް)، ޑޮމިނިކް ޕާސަލް (ލިންކަން) އެވެ. 2005 ވަނަ އަހަރު މި ޝޯ ދައްކަން ފެށިއިރު ޖުމްލަ ފަސް ސީޒަން އާއެކު ޝޯ ނިންމާލީ 2017 ވަނަ އަހަރުއެވެ. އޭގެ އަހަރެއް ފަހުން މި ސީޒަންގެ ހަ ވަނަ ސީޒަނެއް އަންނާނެ ކަމަށް ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ. "ފޮކްސް އެންޓަޓައިންމަންޓް"ގެ ޗީފް މައިކަލް ތޯން އޭރު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ހަ ވަނަ ސީޒަނެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށާއި އެ ސީޒަން ވެގެންދާނީ ސީރީޒްގެ އެންމެ ފަހު ސީޒަނަށް ކަމަށެވެ.

ސީރީޒްގެ މަސައްކަތް މަޑުމަޑުން ކުރިއަށްދާ ކަމަށާއި ބެލުންތެރިންނާ ހަމައަށް ހަވަނަ ސީޒަން އަންނާނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމަށް އޭރު މައިކަލް ވަނީ ބުނެފައެވެ. އޭގެ ފަހުން ހަ އަހަރު ފާއިތުވެގެންދިޔަ ނަމަވެސް ތުންތުން މަތިން އަދިވެސް މި ސީރީޒްގެ ހަވަނަ ބައެއް ހަދަން އުޅޭކަމުގެ ވާހަކަ ދެކެވެެއެވެ.

"ޕްރިޒަން ބްރޭކް" އަކީ އެންމެ ގިނަ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިކްޝަނަލް ކެރެކްޓަރު ފެންނަ ޓީވީ ޝޯ ވެސް މެ އެވެ.