ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ 5 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށާއި މި ރެއިޑުގެ ތެރެއިން ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 5 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ އިދާރާއިން ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފާ ހައްޔަރު ކުރަމުންނެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 ތަނެއް ރެއިޑުކޮށް 3،322 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މި މައްސައްކަތުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ފަރާތްތަކުގެ އިތުރުން މުޑުދާރު ކޮށް ކާތަކެތި ހަދާ ފެކްޓްރީތައް ހިންގަމުންދިޔަ މީހުންވެސް ހިމެނެއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މީގެ ކުރިން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.