ހައްދުފަހަނަޅާފައި ވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް މާލެ އާއި ހުޅުމަލޭގައި އިހްތިޖާޖު ކުރަމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުން ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ އަދި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޒުރާ އިބްރާހިމްއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މި ދެ ހައްޔަރުކޮށްފައި ވަނީ އެ މީހުން އެއްވެ ތިބި ސަރަހައްދުގައި އަޑުގަދަ ކުރަމުން ދިއުމުން، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިޖާބަނުދީ، ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅުމާއެކު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަމުންދަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކުން އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ދެ މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރަކަށް ޖަހާފައިވާއިރު އެންމެ ފަހުން ޖަހާފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާއިރު ޝަރުތުކޮށްފައި ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ ކައިރިޔަށް ގޮސް މުޒާހަރާ ނުކުރުމަށާއި އަޑުގަދަ ނުކުރުމަށެވެ.

މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ޝާދިޔާއާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.