މިއަދު ހަވީރުގެ ވަގުތެއްގައި މާލެ އާއި ހުޅުލެއާ ދެމެދުން ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލި ޑިންގީން ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން މީގެ ކުރިން ފުލުހުން ދިން މައުލޫމާތުގައި ޑިންގީގައި ތިބީ ތިން މީހުން ކަމަށާއި އެ ތިން މީހުންވެސް ސަލާމަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ދާދި ދެންމެ އަކު މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ދިން އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައި ވަނީ، ބަންޑުން ޖަހާލި ޑީންގީގައި ތިބީ ޖުމްލަ ހަތަރު މީހުން ކަމަށެވެ.
އެއީ ދެ ދިވެހިންނާއި ދެ ބިދޭން ކަމަށާއި އެ ހަތަރު މީހުންވެސް ސަލާމަތްކޮށްފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކަށް ކުދުކުދި އަނިޔާ ލިބިފައިވާ ކަަމަށް ބުނެއެވެ. ނަމަވެސް އެ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހއްދަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް ދިޔައެވެ. އަދި ބަންޑުން ޖަހާލި ޑިންގީ ސިނަމާލެ ބްރިޖް ސަރަހައްދާ ގާތްކުރުމަށް އެމްއެންޑީއެފުން ވަނީ މަސައްކަތް ކޮށްފައެވެ.
އެ ސަރަހައްދަކީ ވަރަށް ގިނަ ކަނޑުގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އާންމުކޮށް ވެސް އޮއެވަރު ބާރު އެ ސަރަހައްދަކަކަށް މަސްވެރިކަން ކުރާ ބައެއް ޑިންގީތައް ވެސް ގޮސް އުޅޭ ސަރަހައްދެކެވެ.