މާލެއާއި ހުޅުމާލެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ދާދި ދެންމެ އަކު ބަންޑުން ޖަހާލާފައިވާ އިރު، އެ ޑިންގީ ތިބި އެންމެން ފުލުހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، އެ ޑިންގީގައި ތިބީ 3 މީހުން ކަމަށާއި އެ ތިން މީހުން ވެސް ސަލާމާތްކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު، ބަނޑުން ޖަހާލާފައިވާ ޑިންގީ ސިނަމާލެ ބްރިޖާ ގާތް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މި ޑީންގީ ބަންޑުން ޖަހާލާފައިވާ ވީޑިއޯ ވައިރަލް ވަމުން އަންނަ އިރު، އެ ފަރާތުން ބުނެފައި ވަނީ އޭގައި ގާތްގަނަޑަކަށް 5 ވަރަކަށް މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ޑިންގީގައި ތިބީ 3 މީހުން ކަމަށެވެ.

މާލެއާއި ހުޅުމާލެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދަކީ ވަރަށް އޮއެވަރު ގަދަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ޑިންގީތަކުގައި މަސްވެރިކަން ކުރުމަށް ބައެއް އާންމުން ގޮސް އުޅޭ ކަން ފާހަގަ ކުރެވެއެވެ.