ރާއްޖެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަށް (ދަގަނޑޭ) ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގޭގެ އިސް މަގާމެއް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ދަ ޕްރެސް' އަށް ވިދާޅުވީ، މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަންކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ކަމަށެވެ.

2001 ވަނަ އަހަރު ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އަޝްފާގު ވަނީ މަޝްހޫރު ނިއުރޭޑިއަންޓް ފުޓްބޯޅަ ކްލަބަށާއި، މާޒިޔާ އަށާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ކްލަބް އީގަލްސް އަށް ވެސް ކުޅެ، މެލޭޝިއާ އާއި ބުރުނާއީގެ ލީގުގައި ވެސް ކުޅެފައެވެ. އަދި ފުޓްބޯޅައިގައި ރަން ވަނަތަކެއް އޭނާ ހޯދާފައިވެއެވެ.

އަޝްފާގު ފާހަގަކުރެވެނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.

އަޝްފާގަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ގާތް އެކުވެރިއެކެވެ.

މުރައިދޫގޭ ޑިރެކްޓަރު ޖެނެރަލްގެ ޒިންމާތަކުގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ އިދާރީ ހިންގުމާއި، ޕްރޮޓޮކޯލްގެ ކަންކަމާއި، ލޭޒަންގެ މަސައްކަތްތަކެވެ. މުރައިދޫގޭ ޗީފް އޮފް ސްޓާފަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ވެސް އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައެވެ.

އިތުރު މަގާމަކަށް އެހެން މީހަކު އައްޔަންކޮށްފައިވޭތޯ ސުވާލުކުރުމުން ޒިޔާއު ވިދާޅުވީ، މުރައިދޫގޭގެ އެހެން މަގާމަކަށް މީހަކު އަދި އައްޔަންނުކުރާ ކަމަށެވެ.