ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުން އެތައް ބައެއްގެ ސަމާލުކަން ލިބުނު އުމުރުން ހަތް އަހަރުގެ ޝަވަން މުހައްމަދުގެ ހިތްވަރާއި އެ ކުއްޖާ ދެއްކި ނަމޫނާގެ ވާހަކައަކީ މިއަދު އެތައް ބަޔަކަށް އަޑު އިވޭނެ ވާހަކަ ތަކެކެވެ. ރީތި އިބާރާތްތަކުން މީހުން ކިޔަމުންދާ ސަނާގެ އަޑުތައް އަހަން ހުރި އެ ކުއްޖާގެ މަންމަ އައިޝަތު ވިޝާހްގެ ހިތަށް އުފާވެރިކަން ގެނެސްދީފައި ވާ އިރު އެ މަންމަގެ މޫނު މަތިން މިއަދު ފެންނަމުން ދަނީ ފަހުރުވެރި ކަމެވެ.

އުފާވެރިކަމުގެ ކަރުނައިގެ ވިދުން އެ މަންމަގެ ލޮލުން ފާޅުވަމުން އަންނަ އިރު އެ ހިތުގައި ވެސް މީގެ ކުރިން ރިހުން ތަކެއް ހުރި ކަން ހާމަކޮށްދެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޝަވަންގެ މަންމަ ބުނީ، ޝަވަން އަކީ އުފަން ވީ އިރުވެސް ކަނާތު ފައިގެ ކަކުލުން ތިރި އުފެދިފައި ނުވާ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ އުފަން ވުމުން އެއީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްކަން އެނގުމުން ބައެއް މީހުން މަލާމާތް ކުރި ކަމަށް އޭނާ ބުނެއެވެ.

ކެންގަރޫ ކިޑްސް އެންޑް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސް އިން ޝަވަން އަށް މަރުހަބާ ކިޔުމުގެ ތެރެއިން

ގިނަ ބައެއްގެ ލޯތްބާއި އަޅާލުން ލިބުނު ނަމަވެސް މަލާމާތް ރައްދުވީ ފަރާތްތަކަށް އޭނާ ރައްދެއް ދޭން އެ ދުވަހުވެސް އަދި މިއަދު ވެސް ބޭނުން ނުވާ ކަމަށް ބުނެއެވެ. ނަމަވެސް މިއަދު ޝަވަންއަށް ގިނަ ބައެއްގެ ލޯބި ލިބި އޭނާގެ ހިތްވަރާއި އަޒުމް ފާހަގަ ކުރަމުން ދިއުމަކީ އެ ދުވަހު ފުރައްސާރައިގެ ބަސްތައް ރައްދު ކުރި މީހުންނަށް ދެވޭ މެސެޖެއް ކަމަށް އޭނާގެ މަންމަ ބުނެއެވެ. ޝަވަން އަކީ އޭނާ ފަހުރުވެރިވާ ފަދަ ކުއްޖެއް ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

"އަސްލު ޝަވަން އާ ދޭތެރޭ ވަރަށް ފަހުރުވެރިވޭ. ވަރަށް ފަހުރުވެރިވޭ. ޝަވަން ލިބުނު އިރު، އެންމެންގެ ބަސް އެއްގޮތެއް ނުވާނެ ދެއްތޯ. ބައެއް މީހުން މަލާމަތުގެ ބަސް ބުނާނެ ދެއްތޯ. އެމީހުންނަށް އަނގަބަހުން ރައްދެއް ނުދިނަކަސް މިއަދު ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ގޮތުގައި ޝަވަން ވަނީ ކަންތައްތައް ކުރެވޭނެ ކަން ދައްކުވައިދީފަ."
ޝަވަންގެ މަންމަ

ޝަވަން އަކީ މާތް ﷲ އޭނާއަށް ދެއްވި ނިއުމަތެއް ކަމަށް ބަލައިގެން ދިރިއުޅުން ކުރިއަށް ގެންދިޔައީ އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ދެކި އެ ކުއްޖާ މުޖުތަމައު ތެރެއަށް ނުނެރެއެއް ނޫނެވެ. މަދުރަސީ ހަޔާތް ފެށުމުން ވެސް ކުއްޖާ އަށް ހިތްވަރު ދީ ސްކޫލްގެ އެކި ހަރަކާތްތަކުގައި ޝަވަން ބައިވެރިކޮށްގެން ޝަވަންއަށް އުފާވެރިކަން ގެނެސް ދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމުގައި އެ މަންމަ ދިޔައީ އެތައް ގުރުބާނީއެއް ވަމުންނެވެ.

މަކުނުދޫ ސްކޫލުގައި މި މަހުގެ 7 ވަނަ ދުވަހު ފެށި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަންބަރު ކުޅުންތެރިޔާ ޝަވަން ކުޅޭ މަންޒަރު ސޯޝަލް މިޑިއާގައި ވައިރަލްވެ އެ ކުއްޖާއަށް އެތައް ބައެއްގެ ތައުރީފް ބަންޑުން ވެގެން ދިއުމާ އެކު އެންސްޕާއިން ވަނީ އެ ކުއްޖާއަށް ޕްރޮސްތެޓިކް ފަަޔެއް ޖަހައިދޭނެ ކަމަށް ބުނެފައެވެ. މިއީ ޝަވަންގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ފެށުމެވެ. މިހާރު އެންސްޕާއިން ވަނީ ޝަވަންގެ ފައިގެ މިންތައް ވެސް ނަގާފައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް ފައި ޖެހުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް އެންސްޕާއިން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ބުނެއެވެ.

ކެންގަރޫ ކިޑްސް އެންޑް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސް އިން ޝަވަން އަށް މަރުހަބާ ކިޔުމުގެ ތެރެއިން

މިވަގުތު ޝަވަން ހުރީ އައްޑު ސީޓީގައެވެ. ޝަވަން އައްޑޫ ސިޓީއަށް ދިޔައީ އައްޑޫ ސިޓީގެ ހިތަދޫގެ ކުލަބައެއް ކަމަށްވާ މައިލޯ އެފްސީގެ ދައުވަތަކަށެވެ. މައިލޯ އެފްސީއަށް ކުޅެމުންދާ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަދި ޝަމްވީލް ގާސިމާއެކު ޝަވަންއަށް މިދުވަސްތައް ހޭދަކޮށްލަން ލުބުން ވެގެން ދިޔައީ ވަރަށް ބޮޑަށް ޝަވަން އުފާވާ ކަމެއްގެ ގޮތުގައި އޭނާ މަންމަ ސިފަކުރެއެވެ.

އައްޑުއަށް ކުރި ދަތުރުގެ ތެރެއިން މައިލޯ އެފްސީއާއެކު އެ އަތޮޅުގެ ތިން ސްކޫލަކަށް ޝަވަން ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ސްކޫލްތަކުގެ ކުދިންނާއި ޓީޗަރުންނާއި އަދި ސްކޫލްގެ މެނޭޖްމަންޓުން ވެސް ވަނީ ޝަވަމްއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޝަވަން ދިޔަ ސްކޫލްތަކަކީ ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލާއި އައްޑޫގައި ހިންގާ ބިލަބޮންގް ސްކޫލެވެ.

https://www.facebook.com/rathan.amir/posts/pfbid02zJrknD2w4FHfDBUeZ248qbLuWhUG4HtWNYeqfP2jGWBPUEnUEwdZorniREkzckYLl

އެ ސްކޫލުތަކުން ބުނާ ގޮތުގައި ހިތްވަރާއި އަޒުމާއި ރަނގަޅު ވިސްނުމާއެކު ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލެވޭނެ ކަން ޝަވަން ޔަގީން ކޮށް ދީފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި ކުރިއަށް ދިއުމަށް ހިތްވަރު ނެރެގެން މަސައްކަތް ކޮށްފި ކޮންމެ ކުއްޖަކަށް ވެސް އެކަން ކާމިޔާބު ކުރެވިދާނެ ކަން ވެސް ޝަވަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މައިލޯ ޓީމުގެ ދައުވަތަކަށް ޝަވަނަ އަށް އައްޑޫއަށް ދާން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ޝަވަންގެ މަންމަ ބުނެއެވެ. ވަރަށް ގިނަ މީހުން ތަކެއްގެ ލޯބި ލިބުނީމަ ވަރަށް އުފާވި ކަމަށާއި ހުރިހާ އެންމެންވެސް ޝަވަންއަށް ހިތްވަރުދީ ވަރަށް ރަނގަޅު ވާހަކަތައް ދައްކަމުން ދާތީ ޝަވަން ވެސް ހުރީ ވަރަށް އުފަލުން ކަމަށް އޭނާ ބުނެއެވެ.

https://www.facebook.com/sidibarimv/posts/pfbid0dsvsPFRHqckc2E6Cjo6PCixUbTwhNgCKzSfoCH8tYiZNQMwSAoJfKGRaYiD1cLUwl

ޝަވަން ނޫނަސް މި މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ދިރިއުޅެމުން އަންނަ އިރު، ޝަވަންގެ މަންމަ ވަނީ އެ ފަދަ ކުދިންގެ ބެކެނިވެރިންނަށް ހާއްސަ މެސެޖެއް ވެސް ދީފައެވެ. ޝަވަންގެ މަންމަ ބުނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ހަމައެކަނި ގޭގައި ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ. އެކުދިން މުޖުތަމައު ތެރެއަށް ނެރެން ވާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވީމަ ލަދުން ނުވަތަ އެކުއްޖާއަށް އައިސްދާނެ ފުރައްސާރައަކަށް ވިސްނައި މުޖުތަމައު އިން އެކުދިން ނުނެރި ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.

އަދި މުޖުތަމައުތެރެއަށް ނެރެ އެކުއްޖާގެ ހުންނަ ހުނަރުތައް އެހެން މީހުންނަށް ދައްކައި އަދި އެ ކުއްޖާގެ ހުނަރު ކުރިއަރުވަން މަސައްކަތް ކުރުމަކީ އެފަދަ ކޮންމެ ބެލެނިވެރިއަކަށް ކުރެވިދާނެ ކަންކަން ކަމަށް އޭނާ ބުނެއެވެ. އޭރުން މިއަދު ޝަވަންއަށް ލިބުނު ކަހަލަ ނުވަތަ އެއަށް ވުރެ ރަނގަޅު ނިއުމަތެއް އެހެން ދަރިއަކަށް ދެއްވަފާނެ ކަމަށް އޭނާ ބުނެއެވެ.