ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދިރިއުޅުއްވާ ރަސްމީ ގެކޮޅު "މުރައިދޫ ގޭ"ގެ އެންމެ އިސް ވެރިޔާގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް ހަމަޖައްސާފައިވާ ކަމަށާއި، މަޖިލީސް ރައީސް އަބްދުއްރަހީމް ރަސްމީ ގެކޮޅު މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ލ. އަތޮޅުގެ މުންޑު އަށް އުފަން އާދަމް ހަލީމަކީ ނޫސްވެރިއެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ވެސް ހާސިލުކުރައްވާފައެވެ.

އާދަމް ހަލީމް ވަނީ "އާފަތިސް" ނޫހުން ނޫސްވެރިކަން ފައްޓަވާ "ވީނިއުސް"، "އަވަސް" ގެ އިތުރުން "ސަން" ގައިވެސް އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މިހާރު އާދަމް ހަލީމް ވަނީ "ދަ މިރާ" ގެ ނަމުގައި އަމިއްލަ ނޫހެއްވެސް ފައްޓަވާފައެވެ.

މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ގެކޮޅެއް ހަމަޖެއްސެވީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެންނެވެ.