ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމަށް 100 އިންޓަނޭޝަނަލް މެޗު ކުޅެދީ، ތާރީހީ ޝަރަފެއް ހޯދައިފިއެވެ.

މިކަމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އަޝްފާގު ކުރި ބުރަ މަސައްކަތާއި، ކުޅިވަރަށް ބެހެއްޓި ލޯތްބާއި، ގައުމީ ޓީމަށް ކޮށްދީފައިވާ އަގުނުކުރެވޭފަދަ ހިދުމަތްތަކަކީ ދިވެހިރާއްޖޭގެ އެތައް ޖީލެއްގެ ޒުވާނުންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ.

އެއާއެކު އެފްއޭއެމް އިން ވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް އަޝްފާގު ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

https://www.facebook.com/story.php?story_fbid=1431941488960014&id=100064325306468&mibextid=wwXIfr&rdid=j1BeoN50myBQb4p1#

އަލީ އަޝްފާގަކީ ރާއްޖޭގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތް ކުޅުންތެރިޔާގެ އިތުރުން، ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ނަން ރަންއަކުރުން ފަވާލަދިން ކެޕްޓަނެކެވެ.

ހާއްސަކޮށް 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭގެ ފަހުންވެސް ގައުމީ ޓީމުގެ ކުރީމަގުގައި ހުރެ، ގިނަ އަދަދެއްގެ ލަނޑުތައް ޖަހައި، ދެކުނު އޭޝިއާގެ އެންމެ ނުފޫޒުގަދަ ފޯވާޑުގެ ޝަރަފް ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓިއެވެ.

މީގެއިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ވަނީ 2013 ވަނަ އަހަރު ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް އަލީ އަޝްފާގަށް ދީފައެވެ. އަދި އަޝްފާގު ވަނީ މޯލްޑިވްސް ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑް 2003، 2007، 2009، 2011 އަދި 2013 ވަނަ އަހަރު ހޯދާފައެވެ.

ދިވެހި ފުޓްބޯޅަ ސީޒަންތަކުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު އެތައް ފަހަރަކު ހާސިލްކޮށްފައިވެއެވެ. އޭގެ ތެރޭގައި 2003، 2004، އަދި 2005 ވަނަ އަހަރު ވިދިވިދިގެން ހޯދި ކާމިޔާބީ ފާހަގަކޮށްލެވެއެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އެފްއޭ އަށް ކުޅެ، އެ ގައުމުގެ ޕްރެމިއާ ލީގު ކާމިޔާބުކޮށް، މެލޭޝިއާ ނޭޝަނަލް ފުޓްބޯޅަ އެވޯޑްސްގައި "ބެސްޓް އިމްޕޯޓް ޕްލޭޔާ" (އެންމެ މޮޅު ބޭރު ކުޅުންތެރިޔާ) ގެ މަގާމު 2014 ވަނަ އަހަރު ހޯދިއެވެ. މިއީ ދިވެހި ކުޅުންތެރިއަކު ރާއްޖޭން ބޭރުގެ ކްލަބެއްގައި މިފަދަ ޝަރަފެއް ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ.