އަންނަ އަހަރުގެ އެފްއޭއެމް އިންތިހާބުގައި ރާއްޖޭގެ މަޝްހޫރު އަދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވާދަކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ކެމްޕެއިން ފަށައިފިއެވެ.

"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން މިއަދު ފެށި ކެމްޕެއިނާ ގުޅިގެން އަދި މިހާތަނަށް އަޝްފާގްގެ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މި ކެމްޕެއިން ހިންގާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެފްއޭއެމްގެ ރައީސް ކަމަށް އަޝްފާގް ކުރިމަތި ލުމަކީ ފެންނަ ކަމެއް ކަމަށެވެ.

ދަގަނޑޭ ފޯ އެފްއޭއެމް އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަލީ އަޝްފާގު (ދަގަނޑޭ) އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަަމަށެވެ. އޭނާ އަކީ ރާއްޖޭގެ ދަނޑުތަކުން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ. މިހާރު ދަނޑުން ބޭރުގައި އަޝްފާގުގެ ކުޅިވަރަށް އޮތް ޝައުގުވެރިކަން އިތުރު ވަމުން އަންނަ ކަން ފާހަގަކޮށް އެ ޕޯސްޓުގައި ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމަށް އޭނާ ވާދަކުރާނެ ކަމަށާއި ކުޅިވަރު އާ އުސްމިންތަކަކަށް ގެންދިއުމުގެ އަމާޒެއްގައި އަޝްފާގް ހުރި ކަމަށް ބުނެފައެވެ.

އަންނަ އަހަރުގެ އެފްއޭއެމް އިންތިހާބުގައި އަޝްފާގް ވާދަކުރާ ކަމަށް ބުނެ ބަޔަކު ކެމްޕެއިން ފަށާފައިވާ އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، އަދި އެފްއޭއެމްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ހުސެއިން ޝާފިއު (ކޮއްކީ) ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ކޮއްކީ، އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަކިވެފައި މި ވަނީ ހަތަރު ވަރަކަށް އަހަރު މަގާމުގައި ހުރުމަށް ފަހުއެވެ.