ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އޮތް 1.4 މިލިއަން ރުފިޔާގެ ދަރަންޏެއްގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ހުކުމްކޮށްފިއެވެ.

އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާ އާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ދައްކާފައި ނުވާ މައްސަލައިގައި ސިވިލް ކޯޓުން އެންމެ ފުރަތަމަ ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް އަޝްފާގުގެ ފަރާތުން ހައި ކޯޓުގަައި އިސްތިއުނާފުކޮށް، އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކަމަށް ބުނެފައިވީ ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އަޝްފާގު އުފުލަންޖެހޭ ޒިންމާއިން އޭނާ އަށް ބަރީއަ ނުނެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ 2017 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުން ވެސް ދަރަނި ދައްކާފައި ނުވާތީ ޔޫމެޓް ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހެޅިއިރު، އަޝްފާގު ވަނީ ދަރަނީގެ 1.4 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައެވެ. މި މައްސަލައިގައި ވީބީ ސްޕޯޓްސް އިން އެއްވެސް ފައިސާއެއް ދައްކާފައިނުވާއިރު ޝަރީއަތުގައި އަޝްފާގު ބުނެފައިވަނީ ދަރަނީގެ ބާކީ ހުރި ފައިސާ ވެސް ދައްކާނީ އޭނާ ކަމަށެވެ. އަދި އެ ފައިސާ ދައްކަން ހަ މަސް ދުވަހުގެ ފުރުސަތެއްދިނުމަށް އަޝްފާގު އެދިފައިވީ ނަމަވެސް ޔޫމެޓް ކޮންސްޓްރަކްޝަނުން ވަނީ އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ ގޮތަކަށް ޝަރީއަތުން ހަމަޖައްސައި ދިނުމަށް އެދިފައެވެ.

ޔޫމެޓް ކޮންސްޓްރަކްޝަންގެ އެ ހުށަހެޅުމާ ގުޅިގެން ޝަރީއަތުން އަޝްފާގުގެ މާލީ ހާލަތު ވަނީ ބަލާފައެވެ. އަދި ދަރަނީގެ ބާކީ ބައި ދެއްކޭނެ ތަނަވަސްކަން ހުރި ކަން އެނގޭކަމަށް ނިންމާ އަޝްފާގުގެ ފަރާތުން ދަރަނީގެ ބޮޑު ބައެއް ދައްކާފައިވާތީ އަދި އޭނާގެ މުދާ ވިއްކައިގެން ދަރަނީގެ ފައިސާ ހޯދުމުގެ އިޖުރާއަތް ހިންގުމަށް ވުރެ އަޝްފާގު ހުށަހެޅި ގޮތަށް ހަ މަސް ތެރޭގައި ފައިސާ ދައްކަން ކަނޑައެޅުމުން، ދަރަނި ދެއްކުމުގެ މުއްދަތު އަވަސްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަޝްފާގުގެ މުދާ ވިއްކުމުގެ ބަދަލުގައި، ދަރަނި ދައްކަން އޭނާ އަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައެވެ.