މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަހުމަދު އަތުހަރު އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އޭނާ މަރުވެފައި ވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށާއި، އޭނާ މަރުވި މައްސަލަ ތަހުގީގު ކުރަންމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހަށުގަނޑު އޮޓޮޕްސީ ހަދަން ނިންމާފައި ވާކަމަށްވެސް ބުނެފައި ވެއެވެ.

ރޭ ދަންޖެހެން މަސައްކަތް ކުރި އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދިޔަ ވަގުތު ޖަލުގެ ކެމެރާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް އޭނާ ހުރި ގޭތެރޭގައާއި އަދި މަގުމައްޗަށް ނެރެ އަތުހަރު ވަނީ އެ އަންހެން މީހާއަށް އަނިޔާކޮށްފައެވެ. ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އަހުތަރު ވަނީ އިންޒާރު ދީފައެވެ. އެއާއެކު ފުލުހުން ވަނީ އަތުހަރާ އެކު ވާހަކަ ދައްކައިގެން އެ އަންހެން މީހާ ސަލާމާތް ކުރުމަށް މަސައްކަތް ކޮށްފައެވެ.

އަހުތަރު ވަނީ އޭނާ އެ އަންހެންމީހާ އާއެކު ވަކި ހިސާބަކަށް ދިއުމަށް ފަހު އެ އަންހެން މީހާ ދޫކޮށްލާނެ ކަމަށް ބުނެފައެވެ. އަދި އެއަށް ފަހު އެ އަންހެން މިހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އެ އަންހެން މީހާއާ އެކު ސައިކަލަކަށް އަރައިގެން އެމީހާ ވަނީ ގޮސްފައެވެ. ނަމަވެސް އޭރު ފުލުހުން ދިޔައީ އެމީހާ ފޮލޯ ކުރަމުންނެވެ.

އެމީހާ އަތުލައިގަތުމަށް ފުލުހުން ހުށިޔާރު ކަމާއެކު ހަރަކާތްތެރިވެ އެ މީހާ މަގުމައްޗަށް ވައްޓާލުމުން އެމީހާ އަށް އަނިޔާވެ އޭޑީކޭގައި އެރޭ ވަނީ ފަރުވާ ދީފައެވެ. އެއަށްފަހު އައިޖީއެމްއެޗަށް ވެސް އެމީހާ ވަނީ ގެންގޮސް ފަރުވާ ދީފައެވެ. އަދި އަތުހަރުގެ އެއްވެސް ޓެސްޓަކުން އޭނާއަށް އެއްވެސް ސިއހްީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އޭގެ ފަހުން އޭނާގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެނެްދެން އަތުހަރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެ އަމުރާ އެކު އޭނާ ދޫނީދޫގައި ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހެން މަސައްކަތް ކުރޭ ރޭގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. ބައެއް ފަރާތްތަކުން މި މައްސަލައިގައި ފުލުހުން ކުށްވެރި ކުރި ނަމަވެސް އަނެއް ބަޔަކު އަންނަނީ އަތުހަރު ހިފަހައްޓަން ފުލުހުން ގޯހެއް ނުހަދާ ކަމަށް ބުނަމުންނެވެ.