އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްއާ ލިވަޕޫލް ވާދަކުރި މެޗު 3-0 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ 7 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާފައެވެ. ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑް ޖެހި މިލަނޑު މެޗުގެ ރެފްރީ ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ޔުނައިޓެޑްގެ ގޯލަށް ދެ ލަނޑު ޖަހާފައެވެ. ޔުނައިޓެޑްގެ މެދު ތެރެއިން ކުޅޭ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ކަސިމީރޯއަށް ހެދުނު ދެ ގޯހެއްގެ ސަބަބުން ލިވަޕޫލަށް ލިބުނު މި ދެ ފުރުސަތުގައި މި ދެލަނޑު އެޓީމަށް ޖަހާ ދިނީ ލުއިސް ޑިއޭޒްއެވެ. މި ދެ ލަނޑު ވެސް އެސިސްޓްކޮށް ދިނީ ފޯވަޑް މުހައްމަދު ސަލާހުއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ނުއުފެއްދުނު އިރު ދެވަނަ ހާފްގައި އެޓީމުން ކުޅުން ރަނގަޅު ކުރާނެ ކަމަށް ބެލެވުނެވެ. މިގޮތުން ކޯޗު އެރިކް ޓެން ހާގް ކަސިމީރޯ ބޭލި އިރު ދެން ވެސް މެޗުގައި ލަނޑު ޖަހާ ލީޑު ފުޅާ ކުރީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުހައްމަދު ސަލާހެވެ.
އެއަށް ފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިވަޕޫލަށް ލިބުނު އިރު މި ސީޒަންގައި ލިވަޕޫލް ކޮޅަށް ލަނޑެއް ޖެހޭނެ ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތު ޔުނައިޓެޑަށް ވެސް ލިބުނެވެ. އެހެން ނަމަވެސް މެޗު ނިމުނީ ލިވަޕޫލްގެ ގޯލަށް ލަނޑެއް ނުޖެހި 3-0 އިން އެޓީމު މޮޅުވެގެންނެވެ.
ލީގުގައި މިރޭ ކުޅުނު އަނެއް ދެ މެޗުގެ ތެރެއިން ޗެލްސީއާ ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުވީ 1-1 އިން އެއްވަރެވެ. އަދި ނިއު ކާސަލް ވަނީ 2-1 އިން ޓޮޓެންހަމް ބަލިކޮށްފައެވެ.