ލީޑާޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ލީޑާޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫންކަމަށާ އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގެ ހަރަކާތެއްކަމުގައެވެ.
މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑާޝިޕް ތަމްރިނުތަކާއި، ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދިނުމާއި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމަޢުތައް އުފެދިގެންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާކަމަށާއި ލީޑާޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު، އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުކަން ފާހަގަކުރެވޭކަމުގައި މެޑަމް ވިދާޅުވިއެވެ.
ގާލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ފަހުން ސަރުކާރާ ޕްރައިވެޓް ސެކްޓަރގައި ސީނިއާ ރޯލުތައް އަދާކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މިއަދާއި އަދި މުސްތަގުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް އެކަމަނާ ވަނީ ހިތަވްރު ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގަރލް ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.