އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވައި ލިބިގަތުމަށް ބޭނުންކުރާ 'ޕޭޕަލް'ގެ ހިދުމަތް ރާއްޖެ އަށް ތައާރަފުކުރުމަށް ސަރުކާރުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޕޭޕަލަށް ޕްރޮޕޯސަލް ހުށަހެޅީ މީގެ ތިން ދުވަސް ކުރިން ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނަމަވެސް، ޕޭޕަލްގެ ހިދުމަތް ފެށޭނެ ދުވަހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށްޓަކައި ހުރި ދަތިތަކާ ބެހޭގޮތުން ސައީދު ހިމެނިވަޑައިގަންނަވާހެން އިކޮނޮމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވަނީ ޕޭޕަލްގެ އިސް ބައެއް ބޭފުޅުންނާ މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޝްވަރާކުރައްވައިފައެވެ.

ޕޭޕަލްގެ ފުރިހަމަ ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކާ އެކީ މީގެ ކުރިން ވެސް މަޝްވަރާކޮށްފައެވެ.

ރާއްޖެއަށް ޕޭޕަލް މެދުވެރިކޮށް ކުރެވޭ ހަމައެކަނި ކަމަކީ ފައިސާ ފޮނުވުމެވެ.

ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން، ބީއެމްއެލުން ވަނީ ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ފަށައިފައެވެ.

ޕޭޕަލް ހިމެނޭހެން އިތުރު ޑިޖިޓަލް ވޮލެޓުތައް ނުވަތަ ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ.