އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވައި ލިބިގަތުމަށް ބޭނުންކުރާ 'ޕޭޕަލް'ގެ ހިދުމަތް ރާއްޖެއަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕޭޕަލްގެ އިސް ބައެއް ވެރިންނާ އިއްޔެ މަޝްވަރާ ކުރައްވައިފިއެވެ.
ޕޭޕަލްގެ ފުރިހަމަ ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކާ އެކީ މީގެ ކުރިން ވެސް މަޝްވަރާ ކޮށްފައެވެ.
ރޭ 'އެކްސް'ގައި ފޮޓޯ އާންމުކޮށް ލިޔުއްވި ޕޯސްޓެއްގައި ސައީދު ވަނީ ޕޭޕަލްގެ ބައިނަލްއަގުވާމީ މާކެޓިން ރައީސް ސޫސަން ކީރިއާ އާއި ޕްރޮޑަކްޓް އެންޑް މާކެޓް ޑިވެލޮޕްމެންޓްގެ ނައިބު ރައީސް ނާދިއާ ސައީދާ ބައްދަލުކުރެއްވިކަން ހާމަކުރައްވައިފައެވެ.
"އަޅުގަނޑުމެން (ސަރުކާރުން) މި އަމާޒަށް ވާސިލްވުމަށް (ޕޭޕަލްގެ ފުރިހަމަ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް) ބޮޑު މުހިންމުކަމެއް ދެން، ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް" އޮންލައިންކޮށް ބޭއްވި ބައްދަލުވުމަށް ނިންމަވާލެއްވުމަށް ފަހު ސައީދު ލިޔުއްވި ޕޯސްޓުގައިވެއެވެ.
ރާއްޖެއަށް ޕޭޕަލް މެދުވެރިކޮށް ކުރެވޭ ހަމައެކަނި ކަމަކީ ފައިސާ ފޮނުވުމެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން، ބީއެމްއެލުން ވަނީ ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ފަށައިފައެވެ.
ޕޭޕަލް ހިމެނޭހެން އިތުރު ޑިޖިޓަލް ވޮލެޓުތައް ނުވަތަ ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ.