އިންގްލޭންޑް އަދި ސްކޮޓްލޭންޑަށް ރޭ ސާމަ ޓްރާސްފާ ވިންޑޯ ބަންދުވެފައިވާ އިރު މިސީޒަންގައި ވެސް މިވަނީ ހައިރާންކުރުވަނިވި 'ޑީލް'ތައް ފެނިގެން ގޮސްފައެވެ.

މިގޮތުން، 'ޑެޑްލައިން ޑޭ' ގެ އެންމެ ހިނގި ސުރުހީ އަކީ މީގެ ކުރިން ލިވަޕޫލް އަދި މެންޗެސްޓާ ސިޓީއަށް ކުޅުނު އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް މި ސީޒަންގައި އާސަނަލްއާ ގުޅުމެވެ. މިދިޔަ ސީޒަންގައި ޗެލްސީއަށް ގުޅުނު ސްޓާލިންގް އާސަނަލްއަށް ބަދަލުވީ މުޅި ސީޒަނަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 29 އަހަރުގެ ސްޓާލިންގްއަށް މި ސީޒަންގައި ޗެލްސީގެ ޓީމުން ޖާގަ ނުލިބޭނެ ކަމަށް އެޓީމުގެ އާ ކޯޗު އެންޒޯ މަރެސްކާ ވަނީ ސްޓާލިންގްއަށް އަންގާފައެވެ.

އާސަނަލްއާ ގުޅުން ކަން އިއުލާނުކުރި ވީޑިއޯގައި ސްޓާލިންގް ބުނެފައިވަނީ އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނީ ދެން ކަމަށެވެ.

ޓްރާސްފާ ވިންޑޯގެ ފަހު ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ވަނީ މުޅި ސީޒަން އަށް ޗެލްސީއާ ގުޅިފައެވެ. ސަންޗޯ ޗެލްސީއާ ގުޅުނީ ވެސް ލޯނު އެއްބަސްވުމުގެ ދަށުންނެވެ. ޗެލްސީއަކީ މި ވިންޑޯގައި އެންމެ ގިނައިން ވިޔަފާރި ކުރި އެއް ކްލަބެވެ. މިގޮތުން، ޗެލްސީއިން ވަނީ 10 ކުޅުންތެރިން ގަނެ 203 މިލިއަން ޕައުން ހަރަދުކޮށްފައެވެ. އެހެން ނަމަވެސް އެޓީމުން 12 ކުޅުންތެރިން ވިއްކާލާފައިވާ އިރު މި ސީޒަންގައި ޗެލްސީގެ ޖުމްލަ ހަރަދު ވަނީ 46 މިލިއަން ޕައުންޑަށް ތިރިވެފައެވެ.

މިދިޔަ ސީޒަންގައި ސަންޗޯ ކުޅުނީ ބޮރޯޝީޔާ ޑޯޓްމަންޑަށް/ފޮޓޯ: އެކްސް

ޕްރިމިއާ ލީގުން ޖުމްލަ 1.96 ބިލިއަން ޕައުންޑް ހަރަދު ކުރި

ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ސަމާ ވިންޑޯއަކީ އާއްމު ގޮތެއްގައި ވެސް ކްލަބްތަކުން ގިނަ މުއާމަލްތަކެއް ކުރާ ވިންޑޯއަކަށްވާ އިރު މި ސީޒަންގައި އިންގްލިޝް ޕްރިމިއާ ލީގުގެ ޓީމުތަކުން ވަނީ ޖުމްލަ 1.96 ބިލިއަން ޕައުންޑް ނުވަތަ 2 ބިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. މިއީ އެ ލީގުގެ ޓީމުތަކާ އެންމެ ގާތުން ހަރަދު ކުރި އިޓަލީގެ ސެރީއާގެ ޓީމުތަކަށް ވުރެ ދެ ގުނަ ގިނަ އަދަދެކެވެ.

މި ވިންޑޯގައި އެންމެ މަދުން ހަރަދުކޮށްފައިވާ ޓީމުތަކުގެ ތެރޭގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަދި މި ސީޒަންގައި އަ ކޯޗެއްގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލު ހިމެނެއެވެ.