ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުން ފަދަ ކަންކަމުގެ ސަބަބުން މަޖީދިއްޔާ ސްކޫލްގެ ކިޔެވުމާއި ދަރިވަރުންނާއި މުދައްރިސުންނާ ގުޅޭ ކަންކަން ބޮއްސުންލާފައިވާ ކަމަށް ބުނެ، އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސާލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ މަގާމުން ވަކިކުރުމަށް އެ ސްކޫލްގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މަޖީދިއްޔާ ސްކޫލްގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަށް ފޮނުވި ޕެޓިޝަނުގައި މިގޮތުން 35 ނުކުތާ އެއް ފާހަގަ ކޮށްފައިވެއެވެ.

އޭގެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ސްކޫލްގެ ކަންކަން ބޮއްސުންލައިގެން ދިއުމާއި ވަކި ފިކުރެއްގެ މުދައްރިސުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނެއެވެ.

ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ދެ ހިޔާލެއްގައި މަސައްކަތްކުރައްވަމުން ގެންދިއުމުގެ ސަބަބުން ކިޔެވުމަށް ކުދިންނަށް ފަހިކޮށްދޭން ޖެހޭ އެކްސްޓްރާ ކްލާސްތައް ނުބޭއްވި ނަތީޖާއެއްގެ ގޮތުން އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ވެސް ދަށްވެއްޖެއެވެ.

މީގެ އިތުރުން ވެސް ބެލެނިވެރިން ހުށަހެޅި ޕެޓިޝަންގައި ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ދަރިވަރުންނަށް ހޯދައިދޭން ޖެހޭ ފުރުސަތުތައް ހޯދައިދެވިފައި ނެތުން
  • ސްކޫލާއި ބެލެނިވެރިންނާ އޮތް ގުޅުން ހީނަރުވެގެން ދިއުން
  • ސްކޫލުގައި ކަންކަން ހިނގާގޮތާ މެދު ބެލެނިވެރިން ވާނުވާގައި ތިބެން ޖެހުން
  • އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ސްކޫލުން އެއްބާރުލުން ނުލިބުން
  • ވޭތުވެދިޔަ އަށް އަހަރު ސްކޫލަށް ހެޔޮ ބަދަލެއް އައިސްފައި ނެތުން
  • އިންތިހާބާ ދިމާކޮށް މުދައްރިސުންނަށް ސިޔާސީ ފިއްތުންތައް ކުރިމަތިކުރުވުން
  • މެނޭޖްމެންޓުގެ ހަރުކަށިކަމުގެ ސަބަބުން ތަޖުރިބާހުރި އެތައް މުދައްރިސުންނެއް ސްކޫލް ދޫކޮށް ދިއުން

މިފަދަ ކަންކަމުގެ ސަބަބުން މަޖީދިއްޔާ ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ ބެލެނިވެރިންގެ އަދަދު މަދުވެފައިވާ ކަމަށް ވެސް ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.

"މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން ގާތްވާއިރު، މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެއްވަނަ ސްކޫލްގެ ގޮތުގައި މީގެ ކުރިން ލީޑްކުރަމުން، ނަތީޖާ ނެރެމުން އައި ފަހުރުވެރި ސްކޫލެކެވެ. ނަމަވެސް ފާއިތުވި އަށެއްކަ އަހަރު ތެރޭގައި ސްކޫލްގެ ހިންގުން ދޯދިޔާވެ، ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ވެސް ދުވަހެއް ދުވަހެއް ގޮސްފައި ވަނީ ފަހަތަށެވެ. މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބަލަން ތިބެން ބޭނުންވާ ކަމެއް ނޫނެވެ."

އެހެންކަމުން މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކޮށް، އެ މަގާމުތަކަށް އާ ބޭފުޅުންތަކެއް ހަމަޖައްސައިދިނުމަށް ޕެޓިޝަނުގައި ބެލެނިވެރިން އެދިފައިވެއެވެ.