ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު 23 ނޮވެމްބަރަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް ތަކުގެ މުއްދަތު މި އަހަރުގެ ނޮވެމްބަރު 23 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ދިނުމަށް ހުށަހަޅާ ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓު ފަދަ ތަންތަނުން ހިދުމަތަށް އެޅި ހުށަހަޅަން ޖެހޭނީ "ވަންގަލް" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ކާބޯތަކެއްޗާއި، ބޯފެން އުފައްދާ ކާރުހާނާތައް ރަޖިސްޓްރީ ކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރުކުރާނީ އެމްއެފްޑީއޭގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީ އިން ވަނީ މައުލޫމާތު ދީފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު 23 އޮގަސްޓުގައި ތަންފީޒުކުރުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުން ގެންދިޔަ ކާބޯތަކެތި ހިދުމަތް ދޭ ތަންތަން ރެޖިސްޓްރީ ކުރުމާ ހުއްދަ ދިނުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ބަދަލުކޮށްފައެވެ. މިއާއެކު "ވަންގަލް" މެދުވެރިކޮށް ދެމުން ގެންދިޔަ ހިދުމަތްތައް އެ އޮތޯރިޓީއަށް ބަދަލު ކުރުމަށްޓަކައި 26 އޮގަސްޓް އިން 29 އޮގަސްޓުގެ ނިޔަަލަށް "ވަންގަލް"ގެ ހިދުމަތް މެދުކެނޑޭނެ ކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑިތަކުގައި 3014361 އަދި ނުރަސްމީ ގަޑިތަކުގައި 7603204 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށެވެ.