ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސައުދި އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަމީންގެ މިދަތުރަކީ ސައުދީގެ ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް މިނިސްޓަރު ޞާލިހު ބިން ނާސިރު އަލް ޖަސިރާއި އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި ދަތުރުގައި ދެ ގައުމު ދެމެދު އޮތް މަދަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ގާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު މުހައްމަދު އަމީން ސައުދީއަށް މިއަދު ފުރާވަޑާއިގެންފައިވާއިރު ދާދި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ ސައުދީއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ.

މި ދަތުރުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދި އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީފުޅެއްވެސް ހަވާލުކުރައްވާފައެވެ.