އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މާލީ ކާރިސާ އާއި ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާކަމަށާއި އެކަމުން ގައުމު ސަލާމަތް ކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީން ޒިންމާދާރުކަމާއެކު ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ ނުވަ މަސްވިއިރު ކުރީ ސަރުކާރޭ ކިޔަމުން ދާނަމަ، މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީ ލަންކާއަށްވީ ގޮތަށް މި ގައުމަށް ވަމުންދާތަން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެކަމަށެވެ. އަދި ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށްޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް ގަބޫލުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ އިން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުމާއި ގުޅިގެންނެވެ. ބީއެމްއެލް ގެ މި ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއި، އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ،