ދައުލަތުން މާލީ ހާލަތު ހާމަކުރުމަށް ގޮވާލެއްވި ނަމަވެސް، ބީއެމްއެލުން އެޅި ފިޔަވަޅުތައް ކުރިން ހުރި ގޮތަށް ބަދަލުކުރުމާ ދެކޮޅުކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު 'އެކްސް'ގައި ނަޝީދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ލިޔުއްވި ގޮތުގައި، ރާއްޖޭގެ މާލީ ހާލަތު ދަށްވި ގޮތާއި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތާއި މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އަމަލުކުރާނެ ގޮތް ސާފުކޮށްދޭން ޖެހެއެވެ.

މި ކަމުގައި ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ބޮޑުކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ ފަހުން އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުގައި އެމަނިކުފާނު ލިޔުއްވި ގޮތުގައި، ބީއެމްއެލުން އަޅާފައިވާ ފިޔަވަޅުތައް ކުރިން ހުރި ގޮތަށް ރުޖޫއަކުރަން ނިންމައިފިނަމަ، އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ގޯސްވާނެއެވެ.

އެކަން ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައި ބީއެމްއެލުން ބުނީ، ބޭންކުން ދޫކުރާ ޑެބިޓް ކާޑާ ގުޅިފައިވާ މައި އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ، މިއަދުން ފެށިގެން އެ ކާޑުތަކުން ޑޮލަރެއް ނުކެނޑޭނެ ކަމަށެވެ. އެ ބަޔާން ނެރުނު ވަގުތުން ފެށިގެން ބީއެމްއެލުން ވަނީ ގެނައި ބަދަލުތައް ތަންފީޒުކުރަން ފަށައިފައެވެ.

މި ބަދަލު ގެނެސްފައިވަނީ ބީއެމްއެލުން ބުނި ގޮތުގައި، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައި ވާތީއެވެ.

އެގޮތުން ބީއެމްއެލުން މިއަދު ގެނައި ބަދަލުތަކަކީ:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި އަލަށް ދޫކުރާ ޑެބިޓް ކާޑުތަކުގެ މައި އެކައުންޓަކީ ރުފިޔާ އެކައުންޓް ނަމަ، އެ ކާޑުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް ހެދުން
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ޑޮލަރުން ކުރެވޭ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން