އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓާއާ މިފަހަރު ލީގަށް އަލަށް ޕްރޮމޯޓްވީ އިޕްސުވިޗް ޓައުންއާ ވާދަކުރި މެޗު 4-1 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ސިޓީގެ ފޯވަޑް އާލިންގް ހާލަންޑް ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ މި ސީޒަންގައި ލީގުގައި ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކްއެވެ. ހާލަންޑް މިވަނީ ކުޅުނު ދެ މެޗުގައި ސިޓީއަށް ޖުމްލަ 4 ލަނޑު ޖަހާ ދީފައެވެ.
މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އިޕްސުވިޗުންނެވެ. ލީގުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މި ސީޒަންގައި އެޓީމާ ގުޅުނު ސެމީ ސްމޮޑިކްސެވެ.
އެހެން ނަމަވެސް އޭނގެ ކުޑަ ވަގުތުކޮޅެއް ފަހުން ސިޓީން ވަނީ ހަތަރު މިނެޓްގެ ތެރޭގައި ތިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ސިޓީގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ހާލަންޑް ޖެހި ލަނޑެކެވެ. އެއަށް ފަހު މިޑްފީލްޑަރު ކެވިޑް ޑެ ބްރައިނާ ލަނޑެއް ޖެހި އިރު ހާލަންޑް ވަނީ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑު ސިޓީއަށް ޖަހާ ދީފައެވެ.
ހާލަންޑް ހެޓްރިކް ހެދީ މެޗުގެ ދެވަނަ ހާފްގައި މެޗުގެ 88 ވަނަ މިނެޓްގައެވެ. މިމެޗުން މޮޅުވުމުން ސިޓީއަށް މިވަނީ ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައެވެ.
މިރޭގެ އެހެން މެޗުތަކަށް ބަލާ އިރު ޓޮޓެންހަމް ވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މިގޮތުން އެޓީމުން ވަނީ 4-0 އެވަޓަން ބަލިކޮށްފައެވެ.
2-0 ވެސްޓް ހޭމްއިން ކްރިސްޓަލް ޕެލަސް ބަލިކުރި އިރު ލެސްޓާ ސިޓީ ވަނީ ފުލަމް އަތުން 2-1 އިން ބަލިވެފައެވެ. އަދި ނޮޓިންގްހަމްފޯރަސްޓް ވނީ 1-0 އިން ސައުތްހެމްޓަން ބަލިކޮށްފައެވެ.