ދައުލަތުގެ މީޑީއާ ޕަބްލިކް ސާވިޒް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒީނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަން ޕީއެސްއެމްގެ މީޑިއާ އޮފިޝަލަކު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދީފައެވެ.
އެހެން ނަމަވެސް ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. ޒީނާ އިސްތިއުފާ ދެއްވި ކަން ޕްރައިވަޓައިޒޭޝަން ބޯޑު ޕީސީބީއަށް އަންގާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން އަމިއްލަ އޮންލައިން ނޫހެއް ހިންގި ޒީނާ ޕީއެސްއެމްގެ އެމްޑީކަމާ ހަވާލުވެޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އަކީ ޕީއެސްއެމް އުފެދުނު ފަހު އެކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ހުސްވި ހަފްތާގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބައެއް އިސްވެރިން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. މިގޮތުން، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ ޒިޔާދު އެ މަގާމުން ވަކިކޮށް އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ ވަނީ ހަމަޖައްސާފައެވެ.