އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަން އަލްބިއަން އެންޑް ހޯވްއާ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 2-1 އިން ބްރައިޓަން ކާމިޔާބުކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. މިގޮތުން، މެޗުގެ 32 ވަނަ މިނެޓްގައި ބްރައިޓަން އަށް ލަނޑު ޖަހާ ދިނީ ކުރިން މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅުނު ޑެނީ ވެލްބެކްއެވެ.
ފުރަތަމަ ހާފް ބްރައިޓަން ކުރީގައި އޮވެގެން ނިންމާލި އިރު ޔުނައިޓެޑްއިން ވަނީ ދެވަނަ ހާފްގައި ކުޅުން ރަގަނޅު ކޮށް މެޗުގެ 60 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިސީޒަންގައި އަލަށް ޔުނައިޓެޑްއާ ގުޅުނު ބަޔާންގެ ކުރީގެ ކުޅުންތެރިޔާ މަޒްރާއޫ ނަގާ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލީ ޒުވާން ފޯވަޑް އަމާދް ޑިއާލޯއެވެ.
މެޗުގެ ލީޑު ނަގާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު ނަމަވެސް މެޗުގެ 90 ވަނަ މިނެޓަށް ދިޔަ އިރު ސްކޯ 1-1 ގައި އޮތުމުން މެޗު އެއްވަރުވާނެ ކަމަށް ބެލެވުނެވެ.
އެހެން ނަމަވެސް މެޗުގެ 95 ވަނަ މިނެޓްގައި ބްރައިޓަންގެ ހާއޯ ޕެޑްރޯ ޖަހާ ދިން ލަނޑާއެކު ބްރައިޓަން 2-1 އިން މެޗު ކާމިޔާބުކުރިއެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް މިވަނީ ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައެވެ.
ބްރައިޓަން ކުޅުނު ދެމެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު މިވަގުތަށް އޮތީ ތާވަލުގެ އެއް ވަނައިގައެވެ.
މިރޭ ލީގުގައި އަދި 6 މެޗު ކުޅޭނެއެވެ. މިގޮތުން 7 ޖަހާ އިރު ސިޓީ އިޕްސުވިޗްއާ ވާދަކުރާ އިރު ރޭގަނޑު 9:30 ގައި އާސަނަލް ވާދަކުރާނީ އެސްޓަން ވިލާއެވެ.