ބޮޑެތި ބާރުތަކާ އެކު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ' އަލުން ގާއިމްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ދަށުން އޭރު އުފެއްދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުވާލައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިދާރާ އަލުން ގާއިމްކުރައްވާފައިވާ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިހާރު ވެސް ހިންގަމުން ދާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަދު އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އާ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މޮނިޓާކޮށް، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ބޮޑެތި ބާރުތަކެއް އެމްއެފްޑީއޭ އަށް ލިބިދޭ ކަމަށެވެ.

އެމްއެފްޑީއޭއަށް އޭރު އޮންނަނީ ހަމައެކަނި ހޮޓާތަކާއި ރެސްޓޯރަންޓުތައް މޮނިޓާކުރުމުގެ ބާރު ދީފައެވެ. ނަމަވެސް މިއަދު އަމަލުކުރަން ފެށި ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ އެކު ގޭބީސީތަކުން ހަދައިގެން ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބެލުމުގެ ބާރު އެ އިދާރާއަށް ލިބެއެވެ.

އާ ގާނޫނުގެ ދަށުން، ގޭބިސީތަކުން ވެސް ކާބޯތަކެތި ވިއްކޭނީ ވަކި ހާއްސަ ހުއްދައެއް ނަގައިގެން ލޭބަލް ކޮށްގެންނެވެ. އެ ނޫން ގޮތަކަށް ހުންނަ ތަކެތި ވިއްކާ ފިހާރަތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް މި ގާނޫނުގެ ދަށުން އެމްއެފްޑީއޭ އަށް ލިބެއެވެ. އެގޮތުން މިއަދު އަމަލުކުރަން ފަށާ ގާނޫނުގައި ކަނޑައަލާފައިވާ ކަންތައްތަކާ ހިލާފުވެއްޖެ ނަމަ، ޖިނާއީ ދައުވާކޮށް 1 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އެ އިދާރާ އަށް ލިބެއެވެ.