ޕްްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފިއެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި އެކަމަށްޓަކައި މަޖިލީހުގައި ޖަލްސާ ހިނގަމުން ދަނިކޮށެވެ.

އެކަން ހާމަކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ޝަމީމް އިސްތިއުފާދެއްވުމާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާނީ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަހްމޫދު ސަލީމް ކަމަށެވެ.

ޝަމީމް އިސްތިއުފާދެއްވިކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ނިޒާމީ ނުކުތާ ނަންގަވައި ޝަމީމް އިސްތިއުފާދެއްވިކަން ރިޔާސަތުގެ ސަމާލުކަމަށް ގެނައި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ޝަމީމް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝަމީމް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ރައީސް އޮފީހުން މަޖިލީހުގެ އިދާރާއަށް ނާންގާހާ ހިނދަކު ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ޝަމީމް ކުރެއްވިއެވެ.

ޝަމީމް ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ މި މަހުގެ 13 ވަނަ ދުވަހު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީގައި އޭނާ ވަނީ ޝަމީމް ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށާއި، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށް ލިޔުއްވައިފައެވެ.

އެ ސިޓީގައި ޝަމީމްގެ މައްޗަށް ކުރި ތުހުމަތުތަކަކީ:

  • ⁠ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން
  • ⁠މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުން
  • ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުން
  • ⁠މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ⁠އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  • ⁠ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުން
  • ⁠ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުންޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން

ޝަމީމް ޕީޖީ ކަމަށް އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި އަިޝަތު ބިޝާމް، ނޮވެންބަރު 22، 2019 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާ މަގާމަށް އައްޔަން ކުރީ އޭނާއާ މެދު ރުހޭތޯ ބެލުމަށް މަޖިލީހަށް ނަން ފޮނުވުމުން 74 މެންބަރުންގެ ވޯޓާއެކު ފާސްވުމުން ޑިސެމްބަރު 8، 2019 ގައެވެ.