މަގާމުން ވަކިކުރުމަށް ކުރަނީ 'ބާ' ތުހުމަތުތަކެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމްގެ އިތުބާރު ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ މައްސަލައިގައި ޝަމީމް މިއަދު ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަދި އެ އަށްފަހު ކޮމިޓީން ނިންމާފައި ވަނީ ޝަމީމް މަގާމުން ވަކި ކުރުމަށެވެ.
ކޮމިޓީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މި ސަރުކާރުން ކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ބާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ. އެ މައްސަލަތަކުގެ ތެރޭގައި ނިމދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީގޯނާގެ ދައުވާ އަނބުރާ ނެގުމާއި، ކުރީގެ ޔޫތު މިނިސްޓަރު މަހްލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ނެގުންފަދަ މައްސަލަތައް ހިމެނެއެވެ.
މި ތުހުމަތުތަކަކީ ކުރިން ޖަވާބު ދީފައި ހުރި ތުހުމަތުތަކެއްކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެއީ މި ސަރުކާރު އައި ފަހުން ދިމާވި ކަންތައްތަކެއްވެސް ނޫން ކަމަށެވެ. އަދި ވެރިކަން ބަދަލުވުމަށްފަހުވެސް ސަރުކާރުގެ އެކި އިދާރާތަކާ ވަކިވަކިން ބައްދަލުކޮށް ޕީޖީ އޮފީސް ދާ މިސްރާބާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެ ފަރާތްތަކުން ދާ ބޭނުންވާ ފަދަ މިސްރާބެއް އޮތްތޯ ސުވާލުކޮށް މަޝްވަރާ ކުރެއްވި ކަމަށް ވެއެވެ.
އެގޮތުން ޖުލައި 2 ވަނަ ދުވަހުވެސް މަޖިލީހާއި ބައްދަލު ކުރައްވާފައިވާ ކަން ފާހަގަ ކުރައްވާ ޝަމީމް އިތުރަށް ވިދާޅުވީ އެ ދުވަހުވެސް ގިނަ މަޝްވަރާތަކެއް ކުރި ނަމަވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައްކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެއެވެ.
އަދި މަގާމުން ވަކިކުރަނީ ކޮންމެހެން ކަމެއް ސާފު ނުވެގެން ނޫން ކަމަށާއި އަދި ކުރަންވާ މަސައްކަތް ނުކުރެވިގެންވެސް ނޫން ކަމަށެވެ. އަދި ރީތިކޮށް މަގާމުން ވަކިވާން ބުނި ނަމަވެސް އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އޭނާ މަސައްކަތްކުރައްވާފައިވަނީ ވަރަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކީ އޭނާގެ ގާބިލްކަން ތަންދިން އެންމެ މަތީ ފެންވަރަކަށް ރާއްޖޭގައި އާދަޔާ ހިލާފަށް ހާމަކަމާއިއެކު މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގެ އިދާރާއެއް އަދި ދުނިޔޭގެ ފެންވަރުގެ މީހުން ބިނާކުރެވޭތޯ ކަމަށެވެ.
އަދި އެކަމުގެ ބިންގާ މިހާރު އަޅާފައިިވާ ކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ޕީޖީ އޮފީހަށް ކުށުގެ ރިކޯޑު ސާފުކުރަން ހުށަހެޅުމުން ދިހަ މިނެޓް ތެރޭގައި އެކަން ވާނެކަމަށާއި ސިޓީއެއް ފޮނުވައިފިއްޔާ އެ ސިޓީއަށް ޖަވާބު ލިބޭނެ އިންތިޒާމްތައް ސިޓީލާ މީހާއަށް އެސްއެމްއެއް މެދުވެރިކޮށް އެއަށް ޖަވާބު ލިބޭނެ ދުވަސް އަންގާ ކަމަށެވެ. އަދި ޕީޖީ އޮފީހަކީ ދުނިޔޭގެ ފެންވަރުގެ އޮފީހަކަށް ހެދުމާއި ގާތަށް މަސައްކަތް ގޮސްފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.