ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލަކީ މުޅި ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފައްޔާޒު ވަނީ އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައި އޮތް މާއްދާއެއްގެ ސަބަބުން ކައުންސިލަރުންނަށް ދެވިފައިވާ އިގްތިސާދީ އަދި މާލީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަތުމުގެ ފުރުސަތު ސަރުކާރަށް ލިބޭ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުން ޒިންމާތަކުން އެކަހެރިކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ބިލުގައި ހިމަނާފައިވާ އެންމެ މާއްދާއަކުން، އަޅުގަނޑުމެން ކައުންްސިލަރުންނަށް ވޭތުވެދިޔަ ފަސް އަހަރު ދީފައިވާ ހަގީގީ ބާރުވެރިކަމާއި މިިނިވަންކަން، އެއީ މާލީ ބާރުވެރިކަމާއި އިގުތިސޯދީ ކަންކަން ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް
ފައްޔާޒް އިސްމާއިލް

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ދެމެހެއްޓުމުގައި ކައުންސިލަރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ކައުންސިލަރުންގެ ބާރު ކުޑަ ކުރުމަކީ މުޅި ޑިމޮކްރެޓިކް ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހިފަހައްޓައި، ކުރިއެރުވުމަށް ޓަކައި ކައުންސިލަރުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް. އެހެންވީމަ މިއީކީ ހަމަ އެކަނި ލާމަރުކަޒީ ނިޒާމަށް ދޭ ހަމަލާއެއް އެކަންޏެއް ނޫން. މިއީ މުޅި ޑިމޮކްރަސީއަށް ވެސް މި ސަރުކާރުގެ ފަރާތުން ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާ ހިސާބަށް ގެންނަ އެންމެ ނުރައްކާ އެއް ހަމަލާ
ފައްޔާޒު އިސްމާއިލް

ފައްޔާޒު ވަނީ މީގެ ކުރިންވެސް ކައުންސިލްތަކުގައި ތިއްބާވާ މެންބަރުންގެ އަދަދު މަދުކުރަން ނިންމި ނިންމުމަކީ ރަށްރަށުގެ އިގްތިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފައްޔާޒު ވަނީ ކައުންސިލަރުން މަދުކުރުން ފަދަ ކަމެއް ކުރުމަކީ މި ވަގުތުން ވަގުތަށް މާ ބޮޑު ބަދަލެއް ފެންނާނެ ކަމެއް ނޫން ކަމަށާއި އޭގެ ފައިދާ ފެންނާނީ ދިގު މުއްދަތެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައެވެ.

ހަރަދު ކުޑަކުރުމަށްޓަކައި މަޖިލީސް މެމްބަރުންގެ އަދަދު މަދުކޮށް، ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެފަދަ އިސްލާހެއް މަޖިލީހަކަށް އަދި ހުށަހަޅާފައެއް ނުވެއެވެ.