އިންޑިއާއިން މުދާ ހިފައިގެން އއިތުރު ކާގޯ ބޯޓެއް އައްޑުއަށް ގޮސްފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ވަޖީހު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުގެ ތާވަލަށް ކުޑަ ލަސްކަމެއް އައި ނަމަވެސް ބޯޓު ބަނދަރުކޮށް މިހާރު މުދާ ބާލަމުން ދާ ކަމަށެވެ.
މި ބޯޓުން މުދާ ހުސްކޮށް މާދަމާގެ ނިޔަލަށް ފުރުވާލަން މަސައްކަތް ކުރާކަމަށް އެމްޕީއެލްއިން ހާމަ ކުރެއެވެ. އަދި މި ފެށޭ ހަފްތާގައި އިތުރު ކާގޯ ބޯޓެއް އިންޑިޔާއިން އައްޑޫ ސިޓީ އަށް ފުރުވާ ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަ ކުރެއެވެ.
އިންޑިއާއިން ރާއްޖެއަށް ކާގޯ މުދާ ގެންނަނީ އިންޑިޔާގެ ފައިނޭސް ގުރޫޕް މެދުވެރިކޮށެވެ. ޕެރިޝަބަލްގެ އިތުރުން، އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯ ގެ ބާވަތްތައްވެސް ގެނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަދި މި ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާއި 15 ދުވަހާ ދޭތެރޭގައެވެ. ކުރީ ސަރުކާރުން ވެސް އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ އާ ދެމެދު ކާގޯގެ ހިދުމަތް ފެށި ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.