ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގު ނިންމައިފިއެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ. ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، މަރުތޭލެއް ބޭނުން ކޮށްގެންނެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. އަދި ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާވެސް ދީފައެވެ.

އެ ހަމަލާގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އަދި އެ މީހުން ތިބީ މޫނު ނުފެންނާނެ ހެން ހެދުމަށްޓަކައި ހެލްމެޓުވެސް އަޅައިގެން ކަމަށް މައުލޫމާތުލިބެއެވެ.