ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ރާއްޖެއާއި ދެމެދު ސައިބާ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، އެ ދާއިރާގައި މިހާރު ލިބިފައިވާ ކުރިއެރުންތަކާ އަދި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މި ރަސްމީ ދަތުރުފުޅުގައި، ޔޫއޭއީގެ މަތީ ފަންތީގެ ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުހައްމަދު އަލްކުވައިތީއެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ދައުލަތުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ ވަނީ އެމިރޭޓްސް އާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަހުވަންތަކަމާއި އުހުއްވަތްތެރިކަމުގެ ބަދަހި ގުޅުމަށް އަލި އަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ޑރ. އަލްކުވައިތީ ދިވެހި ފުލުހުންގެ ހިދުމަތާ ބައްދަލުކުރައްވާފައިވާއިރު، ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބާ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ޔޫއޭއީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޔޫއޭއީގެ ރައީސް، އަލްއަމީރު ޝެއިޚް މުހައްމަދު ބިން ޒާޔިދު އަލްނަހްޔާނުގެ ވިސްނުންފުޅާއި ލީޑާޝިޕްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ކުރިއަށްދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ފުލުހުން ބުނީ ޑރ. އަލްކުވައިތީ މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އަހައްމިއްޔަތުކަމަކީ ލިބޭ ވަރަށް ހިތްވަރެއްކަމުގައެވެ.