ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްޕޮންސާ ކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ މި ކޮންފަރެންސް ސްޕޮންސާކުރުމުގެ މަގުސަދަކީ އެމްއޭސީއެލް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމުވެ. އަދި އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލާ އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލް އޭރޯޑްރޯމް މެނޭޖްމެންޓް ސާވިސަސްގެ ސީނިއާ ޖެނެރަލް މެނޭޖަރު މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިން ދާއިރާއާއި އެއާފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑަޝިޕްގެ މަގާމުތަކުގައި އަންހެނުން މަދުކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑަޝިޕް މަގާމުތަކަށް އަންހެނުން އައްޔަން ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް މަހަމޫދާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ހަގީގީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށާއި މިކަން ހާސިލު ކުރުމަށްޓަކައި އަންހެން ކަނބަލުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން އެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހޮޓެލް ޖެންގައެވެ.