ކެއްސާތީ ބޭނުންކުރާ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕް ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ކޮފްސީ ސިރަޕްފައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިކަންތައް އިތުރަށް ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުންގެންދާ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މި މައްސަލަ އޮތޯރިޓީއިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

މި ބޭހަކީ އިންޑިއާގެ ޗެންނާއީގެ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.