ޑޮކްޓަރީ ބޭސް އިމްޕޯޓްކޮށް ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސެއިން އިރުފާން ޓެކްސް އަށް މަކަރު ހަދާ ކަމަށް ބުނެ ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފިއެވެ.
މީރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރުފާން ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ތުހުމަތު ކުރެވޭތީ އެ ކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގިކަމަށާއި، އަދި އެ ކަން ކޮށްފައިވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ މީރާއިން އެކަން ތަހުގީގުކުރަން ފެށީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީރާއިން ބުނީ 2018 އަދި 2019 އަށް ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކާއި 2020 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައިވެސް އިރުފާން ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މީގެއިތުރުން މީރާ އިން ބުނީ އެވްރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށާއި، ނަމަވެސް މީރާއިން ކުރިއަށްގެންދިޔަ އޮޑިޓްތަކުގައި 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާ އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތަށް އަންގާފައިވާ ކަމަށެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކަށްވާއިރު އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.