އިންގްލިޝް ޕްރިމިއާ ލީގުގެ މިދިޔަ ސީޒަންގައި ދެވަނަ ހޯދި އާސަނަލް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ. އާސަނަލްގެ ދަނޑުގައި އެޓީމުގެ ފުރަތަމަ މެޗުގައި ވާދަކުރީ ވުލްވްޒްއާ ދެކޮޅަށެވެ. މިމެޗު އާސަނަލްއިން ކާމިޔާބުކުރީ 2-0 އިންނެވެ.

މިމެޗުގެ 25 ވަނަ މިނެޓްގައި އާސަަނަލް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިންގްލޭންޑްގެ ވިންގަރު ބުކާޔޯ ސާކާގެ ބޯޅައަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކައި ހަވޭޓްޒެވެ.

ކައި ހަވެޓްޒް އާސަނަލްއަށް ފުރަތަމަ ލަނޑު ޖަހާ ދެނީ/ފޮޓޯ: އެކްސް

އާސަނަލްއިން އެޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފްގައެވެ. މިފަހަރު ހަވޭޓްޒް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އެޓީމުގެ ލީޑު ފުޅާކޮށް ދިނީ ސާކާއެވެ.

އާސަނަލްގެ ދެލަނޑު ދޭތެރެއިން ވުލްޒްއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް މަތާއުސް ކުންއާއަށް ބޯޅަށް ގޯލަށް އަމާޒު ކުރެވޭ ގޮތެއް ނުވިއެވެ.

ޖަޕާންގެ ވިންގަރު މިޓޯމާ ވަނީ ބްރައިޓަންއަށް މިރޭ ލަނޑެއް ޖަހާ ދީފައި/ފޮޓޯ: އެކްސް

މިރޭ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާ އިރު ބްރައިޓަން ވަނީ އެވަޓަންގެ ދަނޑުގައި 3-0 އިން އެވަޓަން ބަލިކޮށްފައެވެ. މިމެޗުގައި ބްރައިޓަންއަށް ލަނޑުތައް ޖަހާ ދިނީ މިޓޯމާ، ވެލްބެކް އަދި އަޑިންގަރާއެވެ. މިމެޗުގައި އެވަޓަންގެ އޭޝްލީ ޔަންގަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހި ފޯރަސްޓްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިރޭ ލީގުގައި ނިއުކާސަލް 1-0 ސައުތްހެމްޓަން ބަލިކުރި އިރު ބޯންމޮތް އާ ނޮޓިންގްހަމް ފޯރަސްޓް ކުޅުނު މެޗު ވީ އެއްވަރެވެ.