ޔޫކްރައިން އިން ރަޝިއާގެ ކާސްކް ސަރަހައްދުން 82 އަވަށެއް ހިފާ ބާރުގަދަ ކުރަމުން ދާ އިރު, ރަޝިއާ ސިފައިން ދަތުރުކުރަން ބޭނުން ކުރާ މުހިންމު ބްރިޖެއް ގޮއްވާލައިފިއެވެ.
މި ބްރިޖަކީ ކްރިމިއާ އިން ގްލުސްކޮވޯ އަށް ދަތުރުކުރަން ސޭއިން ކޯރުގެ މަތިން އަޅާފައި އޮންނަ ބްރިޖެކެވެ. މި ބްރިޖް ގޮއްވާލައި ޔޫކްރައިންގެ ސަފުތައް އިތުރަށް ވަރުގަދަ ކުރަމުން ދާކަން ހާމަ ކުރައްވައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, މިހާރު ހިފާފައިވާ ބިންތަކަކީ, ރަޝިއާއިން ޔޫކްރައިން އަށް އަރާ ހިފި ބިންތައް ދޫކޮށްލާނަމަ އަނބުރާ ދޭނެ ބިންތަކެއް ކަމަށެވެ.
މި ކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީގެ ހާއްސަ މުޝީރު މައިކާލޯ ޕޮޑޮލައިކް ވިދާޅުވީ, ރަޝިއާގެ ބިންތައް ހިފައިގެން ތިބުމަކީ ޔޫކްރައިންގެ ވިސްނުމެއް ނޫން ކަމަށާއި ބޭނުމަކީ ސުލްހައިގެ މޭޒު ދޮށަށް އަންނަން ރަޝިއާ އަށް މަޖުބޫރު ކުރުވުން ކަމަށެވެ.
އެގޮތުން ކާސްކް ސަރަހައްދުގައި ޔޫކްރައިން ހިންގާ އޮޕަރޭޝަނުން ހާސިލުވަމުން ދާ ކާމިޔާބީ އަކީ އެ މަގަށް ރަޝިއާ ލެބެން މަޖުބޫރު ކުރުވާނެ ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ކާސްކް ބޯޑަރު ސަރަހައްދުން ޔޫކްރައިން އިން ވަނީ ރަޝިއާގެ ތެރެއިން ގާތްގަނޑަކަށް 8 މޭލަށް ވަދެފައެވެ. އަދި ޖުމްލަ 1000 ކިލޯމީޓަރުގެ ސަރަހައްދު ހިފާފައި ވާކަމަށް ހަބަރުތައް ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން ރަޝިއާގެ ޓީވީތަކުން ބުނަމުން ދަނީ, ޔޫކްރައިން ސިފައިން ބަލި ކުރާނެ ކަމަށާއި މިވީ 2 ހަފްތާގެ ތެރޭގައި ޔޫކްރައިންގެ 2860 ސިފައިން މަރާލާފައި ވާ ކަމަށެވެ. އަދި ޔޫކްރައިންގެ ފައުޖުތައް ކުރިއެރުން ހުއްޓުވިފައި ވާކަމަށް ވެސް ބުނެފައި ވެއެވެ.
ރަޝިއާއިން 2022 ގެ ފެންރުއަރީގައި ޔޫކްރައިން ހަނގުރާމަ ފަށާ ދެމުން ގެންދިޔަ ހަމަލާތަކުގައި ޖުމްލަ 5 ސަރަހައްދެއް ރަޝިއާއިން ހިފިއެވެ. އެއީ މުޅި ޔޫކްރައިންގެ ބިމުގެ ސަރަހައްދުގެ 17 ޕަސެންޓެވެ.